އޮބާމާއަށް ފާޑު ވިދާޅުވުމަށް ފަހު ޓްރަމްޕް އަމަލު ކުރެއްވީ އެއްގޮތަކަށް؟

ރައީސް ޓްރަމްޕަށް ސައުދީގެ އެންމެ ޝަރަފުވެރި މެޑަލް އަރުވަނީ -- ފޮޓޯ: ރޮއިޓާސް

ރިޔާދު (މެއި 21): ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ވަނީ އިއްޔެ ޑޮނަލްޑް ޓްރަމްޕަށް އެގައުމުގެ އެންމެ ޝަރަފުވެރި މެޑަލް އަރުވައިފަ އެވެ. އަދި އެމެޑެލާ ރައީސް ޓްރަމްޕް ހަވާލުވި ވަގުތު ޓްރަމްޕް އަމަލު ކުރެއްވި ގޮތަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.

ރައީސް ޓްރަމްޕަށް މެޑަލް އެރުވި ވަގުތު އޭނާ އެއް ފިޔަވަޅު ކުރިއަށް އަޅުއްވައި ތިރިވާ މަންޒަރު ވީޑިއޯތަކުން ފެނިގެންދެ އެވެ. އަދި މެޑަލް އެރުވި ވަގުތު ބޯ ތިރި ކުރައްވައި، މެޑަލް އަޅުވާ ނިމުމުން އަނެއްކާ ވެސް ތިރިވެލެއްވުމަށް ފަހު ތެދުވި މަންޒަރު ފެނިގެންދެ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ކުރީ ޒަމާނުގައި އަންހެނުން އިހުތިރާމުގެ ގޮތުން 'ކާޓްސީ' ކުރާ ގޮތަށް ޓްރަމްޕް އަމަލު ކުރެއްވީ އެވެ. ނަމަވެސް ޓްރަމްޕްގެ ދިފާއުގައި ވާހަކަ ދައްކާ ފަރާތްތަކުން ވަނީ އެއީ ޓްރަމްޕް ރަސްގެފާނަށް ވުރެ އިސްކޮޅުން ދިގު ވުމުން، މެޑަލް އަރުވަން ފަސޭހަ ވާނެ ގޮތަށް ތިރިވެލެއްވީ ކަމަށް ބުނެފަ އެވެ.

2009 ވަނަ އަހަރު އޮތް ޖީ20 ސަމިޓުގައި ސައުދީގެ ކުރީގެ ރަސްގެފާނު އަބްދުﷲއާ ބައްދަލުވުމުން ރައީސް އޮބާމާ ތިރިވެލައްވަނީ -- ފޮޓޯ: އޭއެފްޕީ

ޓްރަމްޕް އެފަދައިން އަމަލު ކުރެއްވުމުން ސޯޝަލް މީޑިއާގައި އޭނާ އަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވީ 2009 ވަނަ އަހަރު ކުރީގެ ރައީސް ބަރަކް އޮބާމާ، ކުރީގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު އައް ސައުދުއާ ބައްދަލު ކުރެއްވި ވަގުތު ބޯ ތިރި ކުރެއްވުމުން އެކަމަށް ޓްރަމްޕް ފާޑު ވިދާޅުވެފައި ވުމުންނެވެ.

ދެހާސްބާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޮބާމާއާ ވާދަކުރެއްވި މިޓް ރޮމްނީއަށް ކެމްޕެއިން ކުރައްވަމުން ޓްރަމްޕް ވަނީ "ސައުދީންނަށް ބޯ ތިރި ކުރާ ރައީސަކު" އެމެރިކާ އަށް ބޭނުންތޯ ސުވާލު އުފައްދަވާފަ އެވެ. އަދި އޮބާމާއަށް ފާޑުކީ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ވަނީ 'އެމެރިކާގެ އެއްވެސް ރައީސަކު އެހެން ގައުމެއްގެ ލީޑަރަކަށް ބޯ ތިރިކޮށްގެން ނުވާނެ ކަމަށް' ބުނެފަ އެވެ.

މީގެ އިތުރުން، 2012 ވަނަ އަހަރު ރައީސް އޮބާމާ އާއި އަނބިކަނބަލުން މިޝޭލް އޮބާމާ ސައުދީ އަރަބިއާ ކުރެއްވި ދަތުރުފުޅުގައި، ސްކާފެއް ފަދަ އެއްޗަކުން މިޝޭލްގެ އިސްތަށިފުޅު ނުފޮރުވުމުން ސައުދީން ނުރުހުންވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. ނަމަވެސް ރައީސް ޓްރަމްޕްގެ ދަތުރުފުޅުގައި އަނބިކަނބަލުން މެލާނިއާ ވެސް އިސްތަށިފުޅު ފޮރުވާފައި ނުވެ އެވެ.

comment ކޮމެންޓް