ސައުދީގެ އެންމެ ޝަރަފްވެރި މެޑަލް ޓްރަމްޕަށް އަރުވައިފި

ސައުދީގެ އެންމެ ޝަރަފްވެރި މެޑަލް ޓްރަމްޕަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭއެފްޕީ

ސައުދީ އަރަބިއްޔާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް، ސައުދީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު އަރުވައިފި އެވެ.

އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ސައުދީ އަރަބިއްޔާއަށް މިއަދު ވަޑައިގަތް ޓްރަމްޕަށް ކިންގް އަބްދުލް އަޒީޒް މެޑަލް އަރުވާފައި ވަނީ ރިޔާދްގެ އަލް ޔަމަމާހް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކުރާ ގޮތުގައި، އެ މެޑަލް ރައީސް ޓްރަމްޕަށް އަރުވާފައި މި ވަނީ ސައުދީ އާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމުގެ ރަމްޒެއްގެ އިތުރުން، އެކި ދާއިރާތަކުން ގާތް ގުޅުން ބަދަހި ކުރުމަށް ކުރައްވާ މަސައްކަތްޕުޅާއި ސަރަހައްދީ އަދި މުޅި ދުނިޔެއަށް ހަމަހަމަކަމާއި އަމާންކަމާ ގެނައުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށެވެ.

ސައުދީގެ އެންމެ ޝަރަފްވެރި މެޑަލް ޓްރަމްޕަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އޭއެފްޕީ

އެ ރަސްމިއްޔާތުގައި ސައުދީ ކްރައުން ޕްރިންސް އާއި ޑެޕިއުޓީ ކްރައުން ޕްރިންސް އަދި ރައީސް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަންގެ އިތުރުން އެމެރިކާ އާއި ސައުދީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޓްރަމްޕް ސައުދީ އަށް މިއަދު ވަޑައިގަތުމުން އެމަނިކުފާނަށާއި އަނބިކަނބަލުން މެލާނިއާ އަށް މަރުހަބާ ވިދާޅުވީ، ސައުދީ ރަސްގެފާން ސަލްމާނެވެ.

އަށް ދުވަހަށް ދެމިގެންދާ ރައީސް ޓްރަމްޕްގެ ދަތުރުފުޅުގައި ސައުދީ އަރަބިއާގެ އިތުރުން އިސްރާއީލް، ފަލަސްތީން، ބްރަސެލްސް، ވަޓިކަން އަދި ސިސިލީއަށް ޒިޔާރަތް ކުރައްވާނެއެވެ.

ސައުދީގައި ޓްރަމްޕް ހޭދަކުރައްވާނީ ދެ ދުވަހެވެ. އެ ދެދުވަހުގައި ރިޔާދުގައި އޮންނަ އަރަބި އިސްލާމިކް އެމެރިކަން ސަމިޓުގައި އޭނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އިސްލާމް ދީނުގައިވާ ސުލްހަވެރި ކަންކަމާއި އިސްލާމް ދީނާ ބެހޭ ގޮތުން އެމެރިކާ އާއި ހުޅަނގުން ދެކޭ ގޮތާ ބެހޭ ގޮތުން ތަގުރީރެއް ދެއްވާނެ އެވެ.

comment ކޮމެންޓް