އެފްއެންބީ ޝޯގައި ޒުވާން ލުވެއިޒް އަދި ޝާމިހްގެ ހުނަރުވެރިކަން މިރޭ ފެންނާނެ

އެފްއެންބީ ޝޯގައި މިރޭ ހުށަހަޅައިދޭނީ ލުވެއިޒް އަދި ޝާމިހް ---

ހައިރައިޒް އިން އިންތިޒާމް ކޮށްގެންނޭޝަނަލް އާޓްސް ގެލަރީގައި މިހާރު ކުރިއަށްދާ ކާބޯތަކެތީގެ ބާވަތްތައް ހިމަނައިގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު، އެފްއެންބީ ޝޯގައި މިރޭ ޒުވާން ދެ ހުނަރުވެރިން ކަމަށްވާ ލުވެއިޒް އަދި ޝާމިހްގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ އެފްއެންބީ ޝޯގައި މިއަދު ހަވީރު ވަނީ ރޮބަޓެއްގެ ނެށުމުގެ ތަފާތު ހުނަރެއްގެ ވެރި އަދި ގިނަބައެއްގެ މެދުގައި މަގްބޫލް "ރޮބޯ މޭން" އާއި ހުނަރުވެރި ޑީޖޭ އާޓިސްޓް، ޝޭޑީޖޭގެ ހުށަހެޅުންތަކެއް ފެނިފައެވެ.

މިރޭ 8:00 އިން ފެށިގެން ހުށަހަޅައިދޭ ލުވެއިޒް އަދި ޝާމިހް އަކީ ހޮބީއެއްގެ ގޮތުގައި މިއުޒިކް ކުޅެން ފެށި ދެ ހުނަރުވެރިންނެވެ. އާދައިގެ ގޮތަކަށް ކައިވެނި ހަފްލާތަކާއި ބައެއް ކުދި ހަފްލާތަކުގައި ހުށަހަޅައިދޭން ފެށި އެ ދެ ހުނަރުވެރިން ބޭންޑް ހަދައިގެން ކުޅެން ފެށިތާ އަދި އަހަރެއް ނުވި ނަމަވެސް، ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ.

އެގޮތުން ބޮޑަށް ރިސޯޓް މިއުޒިކް ކުޅޭ ލުވެއިޒް އަދި ޝާމިހް ގަވައިދުން ދެ ރިސޯޓެއްގައި ހުށަހަޅައިދެމުންދާއިރު، ހަފްތާއެއްގެ ތެރޭގައި ހަތަރު ވަރަކަށް ދުވަހު ރިސޯޓްތަކުގައި މިއުޒިކް ކުޅެއެވެ.

ލުވެއިޒް އަދި ޝާމިހް ހައިރައިޒްގެ ލިވިން އެކްސްޕޯގައި ހުށަހަޅައިދެނީ ---

އޭގެ އިތުރުން ލުވެއިޒް އަދި ޝާމިހް ވަނީ މީގެ ކުރިން ހައިރައިޒް އިން ބޭއްވި ލިވިން އެކްސްޕޯގައި ވެސް ހުށަހަޅައިދީފައެވެ.

ލުވެއިޒް ބުނީ، ހައިރައިޒަކީ ކުރިއަރަމުން އަންނަ ޒުވާން ހުނަރުވެރިންނަށް ކުރިއަށް ދިއުމުގެ މަގު ފަހިކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. އަދި ހައިރައިޒުން ބާއްވާ އިވެންޓްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު އެއީ އެ ޝޯތަކުގައި ހުށަހަޅައިދޭ ހުނަރުވެރިންނަށް ވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ބުންޏެވެ.

އެފްއެންބީ ޝޯގައި ބައިވެރި ކުރުވަނީ ހަމައެކަނި ކާބޯތަކެތީގެ ބާވަތްތަކެވެ. އެގޮތުން، މައުރަޒުގައި ބައިވެރިވާ ކުންފުނިތަކުން ޕްރޮމޯޓުކުރާ ޕްރޮޑަކްޓުތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް އޮވެއެވެ. އަދި ކޮންމެ ދުވަހަކު ނެގޭ ގްރޭންޑް ލަކީ ޑްރޯއިން ހޮވާލެވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ވެސް ދޭން ވަނީ ހަމަޖައްސާފައެވެ.

އެފްއެންބީ ޝޯގައި މާދަމާ އޮންނާނީ ހަބޭސް ފިއުޝަނާއި އެކު މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި، އިބްރާހިމް ވަހީދު (ބޮޑުބެ)ގެ ހުށަހެޅުންތަކެކެވެ.

comment ކޮމެންޓް