"ޕައިރެޓްސް އޮފް ދަ ކެރީބިއަން"ގެ ފަހުގެ ފިލްމު ވަގަށް ނަގައިފި

"ޕައިރެޓްސް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" ގެ ޕޯސްޓަރެއް ---

ޑިޒްނީ އިން އުފައްދާ ފެންޓަސީ ފިލްމު ސީރީޒް "ޕައިރެޓްސް އޮފް ދަ ކެރީބިއަން" އިން މިމަހުގެ ތެރޭގައި ރިލީޒްކުރަން ހަމަޖައްސާފައި އޮތް އެ ސީރީޒްގެ ފަސް ވަނަ ފިލްމު، "ޑެޑް މެން ޓެލް ނޯ ޓޭލްސް" ވަގަށް ނަގައިފިއެވެ.

ހޮލީވުޑް ރިޕޯޓާސް އިން ބުނި ގޮތުގައި، ޑިޒްނީގެ ސީއީއޯ ބޮބް އިގާ ވަނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ހެކަރުންތަކެއް އެ ކުންފުނީގެ ފިލްމެއް ވަގަށް ނަގައި، ފިލްމު ބޭނުންނަމަ ގިނަ އަދަދެއްގެ ފައިސާ ދިނުމަށް އަންގާފައިވާކަން އޭބީސީގެ މުވައްޒަފުން ކައިރީގައި ވިދާޅުވެފައެވެ.

ވަގަށް ނަގާފައިވަނީ ކޮން ފިލްމެއްކަން ވިދާޅުނުވި ނަމަވެސް، މުނިފޫހިފިލުވުމުގެ ހަބަރާއި މައުލޫމާތު ގެނެސްދޭ ޑެޑްލައިން ނޫހުން ރިޕޯޓްކުރާ ގޮތުގައި އެ ފިލްމަކީ މިމަހުގެ 26 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައި އޮތް "ޕައިރެޓްސް އޮފް ދަ ކެރީބިއަން: ޑެޑް މެން ޓެލް ނޯ ޓޭލްސް" އެވެ.

ޑިޒްނީގެ ސީއީއޯ ވިދާޅުވީ، ފިލްމު ހޯދުމަށް ބަދަލުގެ ގޮތުގައި ދިނުމަށް އަންގާފައިވާ ފައިސާ ނުދައްކައިފިނަމަ 20 މިނެޓްގެ ސީރީޒެއްގެ ގޮތުގައި އޮންލައިނަށް އެ ފިލްމު ރިލީޒް ކުރާނެ ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް ފިލްމު އަނބުރާ ހޯދުމަށް ހެކަރުންނަށް ފައިސާ ދައްކަން ކުންފުނިން ދެކޮޅު ހަދާ ކަމަށާއި އެކަމާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑިޒްނީ އަކީ ފިލްމެއް ވަގަށް ނެގުމަށްފަހު އެ ފިލްމެއް އޮންލައިންގައި ލީކްކުރާނެ ކަމުގެ އިންޒާރު ދިން ފުރަތަމަ ފިލްމު ސްޓޫޑިއޯއެއް ނޫނެވެ. މިދިޔަ މަހުގެ ތެރޭގައި ހެކަރުންގެ ގްރޫޕަކުން ވަނީ ނެޓްފިލިކްސްގެ ސީރީޒް އެއް ވަގަށް ނެގުމަށްފަހު، ބުނި އަދަދަށް ފައިސާ ނުދެއްކުމުން އެ ސީރީޒް އޮންލައިންގައި ލީކް ކޮށްލާފައެވެ.

comment ކޮމެންޓް