އާ ސިޔާސީ ޖަމްއިއްޔާއަކާއެކު ހިލަރީ ކްލިންޓަން އަނެއްކާވެސް ސިޔާސީ މައިދާނަށް

އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ހިލަރީ ކްލިންޓަން -- ފޮޓޯ/ އޭއެފްޕީ

ވޮޝިންޓަން (މެއި 15): އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ހިލަރީ ކްލިންޓަން އާ ސިޔާސީ ޖަމްއިއްޔާއަކާއެކު އަނެއްކާވެސް ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފި އެވެ.

ކްލިންޓަން ވިދާޅުވި ގޮތުގައި 'އޮންވާޑް ޓުގެދާ'ގެ ނަން ދީފައިވާ އެ ޖަމްއިއްޔާއަކީ މުޖުތަމައު އިސްލާހު ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެހީވުމުގެ ގޮތުންނާއި، އެފަދަ ކަންކަމުގައި 'ބައިވެރިވުމާއި، އިންތިޒާމު ކުރުމާއި އިންތިހާބީ މަގާމުތަކަށް ވާދަ ކުރުމަށް' އެންމެންނަށް ހިތްވަރުދޭ ޖަމްއިއްޔާއެކެވެ.

މިއަދު ކުރެއްވި ޓުވީޓުތަކެއްގައި ކްލިންޓަން ވިދާޅުވީ އޮންވާޑް ޓުގެދާ އިން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނީ މަދު ޖަމްއިއްޔާތަކަކަށް ކަމަށެވެ. އޭގެ ތެރޭގައި އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ގިނަ ގޮނޑިތައް ޑިމޮކްރެޓިކް ޕާޓީއަށް ހޯދުމަށް މަސައްކަތް ކުރާ ސްވިންގް ލެފްޓް އާއި އިންތިހާބުތަކުގައި ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ބައިވެރިވާ އަންހެނުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރާ އެމާޖު އެމެރިކާ ހިމެނެ އެވެ.

ކްލިންޓަންގެ ކެމްޕެއިން ސްލޯގަން، 'ސްޓްރޯންގާ ޓުގެދާ'އާ އެއްގޮތަށް ނަން ދީފައިވާ 'އޮންވާޑް ޓުގެދާ'ގެ ފަރާތުން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ޖަމިއްޔާއިން އެހެން ޖަމްއިއްޔާތަކަށް ފަންޑު ހޯދައިދީ، އެ ޖަމިއްޔާތަކުގެ ސިޔާސީ އަޑު ބާރުކޮށްދޭނެ އެވެ. (ގާޑިއަން)

comment ކޮމެންޓް