އީރާނަށް އައި ބިންހެލުމެއްގައި ދެ މީހަކު މަރުވެ، 370 މީހަކަށް އަނިޔާވެއްޖެ

އީރާނުގެ އުތުރަށް އައި ބިންހެލުމުގެ ސަބަބުން ކާރަކަށް ގެއްލުންވެފައި -- ފޮޓޯ: އައިއާރުއެންއޭ

ތެހެރާން (މެއި 15): އީރާނުގެ އުތުރަށް އިއްޔެ އައި 5.7 މެގްނިޓިއުޑުގެ ބިންހެލުމެއްގައި ދެ މީހަކު މަރުވެ، 370 މީހަކަށް އަނިޔާވެއްޖެ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ޔޫއެސް ޖިއޮލޮޖޮކިލް ސާވޭއިން ބުނި ގޮތުގައި އީރާނުގެ ޚޯރަސާން ޕްރޮވިންސުގެ އުތުރަށް އެބިންހެލުން އައިސްފައި ވަނީ 12.5 ކިލޯމީޓަރު އަޑިންނެވެ. އަދި އެބިންހެލުމުގެ ސަބަބުން އެޕްރޮވިންސުގެ ގިނަ އަވަށްތަކުގައި ކަރަންޓު ކެނޑި، ބައެއް އިމާރާތްތަކަށް ގެއްލުންވި އެވެ.

އީރާނުގައި ހުންނަ ރެޑް ކްރެސެންޓްގެ ރެސްކިއު އެންޑް ރިލީފް އޯގަނައިޒޭޝަންގެ ވެރިޔާ މުރުތަޒާ ސަލީމީ ވިދާޅުވި ގޮތުގައި އެބިންހެލުމުގެ ސަބަބުން 14 އަވަށެއްގެ 70 ޕަސެންޓަށް ގެއްލުން ލިބުނެވެ.

އަދި ބިންހެލުން އައި ސަރަހައްދުގައި މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނި ގޮތުގައި އެހާދިސާގައި އަނިޔާވި 177 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އިރު 223 މީހަކަށް ވަނީ ސިއްހީ އެހީ ފޯރުކޮށްދީީފަ އެވެ.

އީރާނަށް 2003 ވަނަ އަހަރު އައި 6.6 މެގްނިޓިއުޑުގެ ބިންހެލުމެއްގައި އެގައުމުގެ ތާރީހީ ސިޓީއެއް ކަމަށްވާ ބާމް އެއްކޮށް ބިމާ ހަމަވި އެވެ. އަދި އެބިންހެލުމުގެ ސަބަބުން 26،000ށް ވުރެ ގިނަ މީހުން މަރުވި އެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް