މަޖިލީހުގެ ޖަލްސާތައް ހުއްޓުވަނީ ނާޒިމް އާއި ޒެޑް ފެކްޝަން ގުޅިގެން: ރީކޯ މޫސަ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓުވަން ކުރާ މަސައްކަތަކީ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އާއި ޒެޑް- ފެކްޝަނުން ގުޅިގެން ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ރައީސް ރީކޯ މޫސަ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ޒެޑް ޑިއާރްޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރު އަލީ އާރިފުގެ ނަން މިއަދު އިއްވެވުމުން ވެސް މަޖިލިސް ދޫކުރައްވައި ވަޑައިނުގަތުމުން ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލުމާ ގުޅިގެން، މޫސަ ސަންއަށް އިންޓަވިއު ދެއްވަމުން ވިދާޅުވީ މެންބަރަކު ތަޅުމުން ނުނުކުންނެވި ނަމަވެސް ޖަލްސާ ހުއްޓާލައިގެން ނުވާނެ ކަމަށެވެ. މެންބަރަކު ތަޅުމުގައި އިންނެވި ނަމަވެސް، ވަކި ކަންތައްތަކަކުން މަހުރޫމް ކުރުމަށްފަހު، ޖަލްސާ ކުރިއަށް ގެންދިއުމުގެ ބާރު ރިޔާސަތަށް ލިބޭ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސުންނަށް ކޮށްލަން ވަރަށް ފަސޭހަކަމެއް ހަމަ އިއްޒެއްތެރި މަންބަރުގެ ނަން އިއްވީއޭ، ދެން އެ މެންބަރަކު މިތަނުގަ ނީނދެވޭނެއޭ ކިޔާފަ އަނެއްކާ ވަދެ، އެ މެންބަރު ނުނުކުންނާތީ ޖަލްސާ ނިންމާލީއޭ. އެހެން ހުރިހައި މެންބަރުންގެ ހައްގައްވެސް ބަލަންޖެހޭނެ އެއްނު." ހުޅުހެންވޭރު ދާއިރާގެ ގޮނޑި ތަމްސީލު ކުރައްވާ މޫސަ ވިދާޅުވި އެވެ. "ޕާޓީތަކުގެ މެންބަރުންނާއި މިނިވަން މެންބަރުން ތިއްބާ، އަޅުގަނޑުމެން ޖަލްސާ ކުރިއަށް ގެންދަން ބޭނުންވެފަ ތިއްބާ ނިންމާލީ. ނަން އިއްވި މެންބަރު އެތާނގައި އިންކަން އެކަނި. އޭނާ އުނދަގުލެއްވެސް ނުކުރޭ، އެއްޗެކޭ ވެސް ނުބުނޭ. ނަން އިއްވި މެންބަރަކު ތަޅުމުގައި ހުރެއްޖެނަމަ އޭނައަށް ވޯޓް ކައުންޓް ނުކުރެވުމާއި އޭނައަށް މަޖިލީހުގެ ބަހުސްތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމާ މިކަންތައްތަކަކީ ކުރެވޭނެ ކަންތައްތަކެއް،"

މޫސަ ވިދާޅުވީ މިއަދު ޖަލްސާގެ ރިޔާސަތުގައި އިންނެވި ނާޒިމާއި ޒެޑް ފެކްޝަންގެ މެންބަރުންނާ ގުޅިގެން ހިންގާ އެފަދަ އަމަލުތަކަށް އެމްޑީޕީން ދޫދީގެން ނުތިބޭނެ ކަމަށާއި އެކަންތައްތައް ހައްލު ކުރަން އެ ޕާޓީން ކުރިއަށް އޮތްތާނގައި މަޖިލީހުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މަޖިލީހުގައި ނަން އިއްވާ މެންބަރުނާއި ރިޔާސަތުގެ އަމުރަށް ކިޔަމަން ނުވާ މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރަން މަޖިލީހުގެ ރައީސް އެދިވަޑައިގެންފިނަމަ ބާރާއެކު އެ މެންބަރަކު މަޖިލީހުން ނެރެވިދާނެ ކަމުގެ ގާނޫނީ ލަފާ އެމްއެންޑީއެފުން މަޖިލީހުގެ އިދާރާއަށް ދީފައިވާތީ މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދައުރުތަކުގައި ވެސް އެކި މެންބަރުން ތަޅުމުން ނެރުމަށް ސިފައިން "ބާރުގެ" ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އޭރުގެ ބާރުގެ ބޭނުން ކުރީ އެކި ގޮތްގޮތަށް ކަމަށް މޫސަ ވިދާޅުވި އެވެ.

"ކުއްލިއަކަށް ވަދެލާފަ ހަމަ ދަމާ ނެރުނީ އަޅުގަނޑުމެން. އެންމެ ދުވަހަކު ދެ ދުވަހަކު ނޫން. ގަޔަތް އަރައިގަންނަ ހިސާބަށް ދާނެ. ކަން އެނގުނީމަ ސިފައިން މަޖިލީހުގެ ތަޅުމަށް ވަންނަ ދޮރު ހުޅުވާފަ ބުނާނެ ބޭރަށް ނުކުންނާށޭ. އޭރު ދެން އަޅުގަނޑުމެން ގައިގައި އަތްލިޔަ ނުދީ މަޑުމަޑުން ނުކުންނަނީ،" ހާއްސަ މަޖިލީހާއި އޭރުގެ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާތަކުގައި ސިފައިން ބާރުގެ ބޭނުން ކުރި ގޮތް މޫސަ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ނިންމައިލި އިރު، ކޮމެޓީތަކުގެ މައްސަލާގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ވޭތުވެދި ތިން ހަފުތާގައި ވެސް ޖަލްސާތައް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ. އަދި ކޮމެޓީތަކުގެ މައްސަލަ ޕާޓީތަކުގެ ލީޑަރުން އެއްބަސްވާ ގޮތަށް މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާފައި ވީނަމަވެސް ޒެޑް ޑިއާރްޕީން ބުނަމުންދަނީ އެ ނިންމުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި މެންބަރުންގެ ވޯޓުގެ އަގުލަބިއްޔަތުން ކޮމެޓީތަކަށް މެންބަރުން ބަހާ ނިންމާފައި ވަނީ ޣައިރު ގާނޫނީ ޖަލްސާއެއްގައި ކަމަށް ޒެޑް ފެކްޝަނުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު