ނައިޓްމާކެޓްގެ ފުރަތަމަ ރޭގައި ވެސް 8000 މީހުން ލޮނުޒިޔާރަތް ކޮޅަށް!

ލޮނު ޒިޔާރާތްކޮޅަށް ބަދަލުކޮށްގެން ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން އަހަރަކު އެއްފަހަރު ބޭއްވާ ނައިޓްމާކެޓްގެ ފުރަތަމަ ރޭގައި ވެސް 8000 އަށް ވުރެ ގިނަ މީހުން ބާޒާރަށް ޒިޔާރަތްކޮށްފި އެވެ.

ބޮޑު ތަކުރުފާނު މަގުގެ "ޓަސްކަލޫސާ" އާއި ހަމައިން މޭޒު ފަތި ދަމައިލި ގޮތަށް އަމީނީ މަގުން ކަރަންޓް ކުންފުނި، ސްޓެލްކޯއާ ހަމައަށް އޮތް ބާޒާރުގެ ފުރަތަމަ ރޭ ވެސް ފެނުނީ ވަރަށް ބާރު ބޮޑުކޮށް ދިޔަ ތަނެވެ. އެންމެން ވެސް އުޅުނީ "ފިތިގެން" އަދި "ފިތެން" ވެގެންނެވެ.

"ވަރަށް ގިނަ ބަޔަކު ފުރަތަމަ ރޭވެސް ޒިޔާތްކޮށް ވިޔަފާރީގެ ތަރުހީބު ވަރަށް ރަނގަޅަށް ފެނުނީ. ބާޒާރު އިންތިޒާމު ކުރުމުގައި މައްސަލަތަކެއް ދިމާވިއަސް އިންތިޒާމް ތަކާއެކު ރޭ ބާޒާރު ހުޅުވިގެން ދިޔައީ ވަރަށް ރީއްޗަށް،" ގައުމީ ޖަމިއްޔާގެ ހަޒާންދާރު އަހުމަދު އަދީބު ވިދާޅުވި އެވެ.

އަހަރަކު އެއްފަހަރު ބާއްވާ ނައިޓް މާކެޓް 480 މޭޒާއި އެކު ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގައި ރޭ ހުޅުވައި ދެއްވީ ކުރިން ގައުމީ ޖަމިއްޔާގައި މަސައްކަތް ކުރެއްވެވި އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ފަރެސް މާތޮޑާގެ މެންބަރު އިބްރާހިމް މުއްތިލިބެވެ.

"އުނގުޅޭ ބާޒާރު" ނަމުން މަޝްހޫރުވެފައިވާ ބޮޑު ބާޒާރު މިފަހަރު ސޮޕޮންސާ ކޮށްފައި ވަނީ އަލޯރާއިންނެވެ. ދިމާވި މައްސަލަތަކާއެކު ހިތް ހަމަ ނުޖެހިގެން އުޅުނު ވިޔަފާރިން ވެސް ބާޒާރު ހުޅުވުމަށް ފަހު ތިބީ "ހެވި"ފަ އެވެ.

"ވިޔަފާރިވެރިންގެ ފީޑް ބެކް އަޅުގަނޑުމެން ނެގިން ފުރަތަމަ ރޭގައި ވެސް. އެބޭފުޅުން ވަރަށް ހިތްހަމަޖެހިފައި ތިބީ. މިހާރު މާބޮޑަތި ދަތި ތަކެއްނެތް، އާ ސަރަހައްދެއްގައި ބާއްވާތީ އާ ކަންތައްތައްވެސް ރޭ ހުރި،" އަދީބު ވިދާޅުވި އެވެ.

ރޯދަމަހާއި ދިމާކޮށް މިއަހަރު ނައިޓް މާކެޓް ކުރިއަށްދާއިރު ވިޔަފާރިވެރިންގެ ޖަމިއްޔާއާއި މާލޭ ސީޓީ ކައުންސިލާއި ދެމެދު މީގެ ކުރިން ވަނީ ބާޒާރު ކުރިއަށްދާނެ ތަނަކާއި މެދު ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ. އަދި މާލޭ ސިޓީ ކައުންސިލަށް ކޮންމެ މޭޒަކުން 750ރ. ގެ ފީއެއް ނަގާގޮތަށްވެސް ވަނީ ނިންމާފަ އެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލުން މިހާރު ނިންމާފަ ވަނީ އެ ފީ ނުނަގާ ގޮތަށެވެ.

ނައިޓް މާކެޓަކީ ގިނަ ތަކެތި ހެޔޮ އަގެއްގައި ލިބޭ މާކެޓަކަށް ވީކަމުގައި ވިޔަސް މިފަހަރުގެ ނައިޓް މާކެޓްގައި އަގުތަކަށް މާބޮޑު ތަފާތެއް އައިސްފައެއް ނެތެވެ.

"މާބޮޑަތި ތަފާތުތަކެއް ނެތް. އެއްގަމެކޭ މިކޮޅެކޭ ތަފާތެއްނެތް. ތަފާތަކީ ފިތިގެން އުޅެން ޖެހޭކަން. އަގުގައި ތަފާތެއްނެތް،" ބާޒާރުކޮށް ނިންމާލައިގެން ދިޔަ މީހަކު ބުންޏެވެ.

ރޯދަމަހާއި ދިމާކޮށް ބާޒާރުކޮށްލުމަށް ރަނގަޅު މާހައުލެއް އޮތަސް މީހުން ތިބީ އަގުތަކާއި މެދު އެއްގޮތަކަށްވެސް ހިތްހަމަޖެހިފައެއް ނޫނެވެ. ނަމަވެސް ވިޔަފާރިވެރިން ބުނީ އާންމު އަގުތަކަށް ވުރެ މިފަހަރުގެ މަގުމަތީ ބާޒާރުގެ އަގުތަށް 50 ޕަސެންޓާއި ހަމައަށް ކުޑަވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހާފް ޕުރައިޒްގައި މުދާ ވިއްކަނީ. އެހެންވީމާ ބާޒާރަށްވުރެ މާބޮޑުތަންވެސް އަގުގައި ރަނގަޅުވާނެ،" ކޮންމެ އަހަރަކުވެސް ނައިޓް މާކެޓްގައި ބައިވެރިވާ ވިޔަފާރިވެރިޔަކު ބުންޏެވެ.

ލޮނުޒިޔާރަތް ކޮޅުގެ ހިތްފަސޭހަ ސަރަހައްދުގައި ކުރިއަށްދާ ނައިޓް މާކެޓްގައި އަތްލާ ގެންގުޅޭ ސާމާނުން ފެށިގެން ގޮސް ލާއަންނައުނާއި އަދި ތަފާތު ޕެޓްތައްވެސް ލިބެންހުރެ އެވެ. ނައިޓް މާކެޓް ކުރިއަށްދާ ވަގުތި ތިން ކެފޭއެއްގެ ހިދުމަތްވެސް އެ ސަރަހައްދުން ލިބެން ހުރެ އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު