ޓީއެމްއޭގެ ބޯޓެއް ޖައްސަން އުޅެނިކޮށް ބިޔާދޫ ފަޅުތެރެއަށް ވެއްޓިއްޖެ

11:39 ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމުގެ ހިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއާވޭސް )ޓީއެމްއޭ(ގެ މަތިންދާ ބޯޓެއް ޖައްސަން އުޅެނިކޮށް ކ. ބިޔާދޫ ފަޅު ތެރެއަށް ވެއްޓިއްޖެ އެވެ.

ޓީއެމްއޭގެ މެނޭޖިން ޑައިރެކްޓާ އެޑްވަޑް އަލްސްފޯޑް ވިދާޅުވީ، މިއަދު ހެނދުނު 9:15 އެހާކަންހާއިރު ބިޔާދޫ ފަޅު ތެރެއަށް ވެއްޓުނު އެ ބޯޓަކީ ޓީއެމްއޭގެ ޓްރެއިނިންތަކަށް ބޭނުންކުރާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓް ވެއްޓުނުއިރު ހަމައެކަނި ތިބީ ބޯޓް ކެޕްޓަނާއި ފަސްޓް އޮފިސަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެޑްވަޑް ވިދާޅުވި އެވެ.

ކްރޭޝް ލޭންޑްވީ ޓްރެއިނިން ފްލައިޓެއް ނަމަވެސް، އެކަން ހިނގި ގޮތް އެކުންފުނިން އޭވިއޭޝަން ޑިޕާޓްމަންޓާ ގުޅިގެން ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ބޯޓަށް ފުދޭވަރައްގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެހެންނަމަވެސް ލިބުނު ގެއްލުމުގެ ތަފްސީލު އެނގޭނީ ރަނގަޅަށް ބެލުމަށްފަހު ކަމަށް ވެސް އެޑްވަޑް ވިދާޅުވި އެވެ.

މާލެއިން މިއަދު ހެނދުނު ޓްރެއިނިން އެކްސަސައިޒް އަކަށް ފުރި އެ ބޯޓް އަދި އޮތީ ފެން މަތީގަ އެވެ. ޓީއެމްއޭގެ ޓީމެއް އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

އޭވިއޭޝަން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް ހުސެއިން ޖަލީލް ވިދާޅުވި ގޮތުގައި، އެ އެކްސިޑެންޓް ހިނގި ގޮތް ތަހުގީގުކުރުމަށް އެ ޑިޕާޓްމަންޓްގެ ޓީމެއް މިހާރު ވަނީ އެކްސިޑެންޓް ހިނގި ސަރަހައްދަށް ދިޔުމަށް ފުރައިފަ އެވެ.

--
ނޯޓް: މިހަބަރާ ގުޅޭ ފޮޓޯ ލިބިފައިވާ ފަރާތްތަކުން 2747 އަށް އެމްއެމްއެސްކޮށްދެއްވުން އެދެމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު