އަހަރުގެ ފިލްމަކަށް "ބިއުޓީ އެންޑް ދަ ބީސްޓް"، އެންމެ މޮޅު އެކްޓަރަކަށް އެމާ ވޮޓްސަން

އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި އެމާ ވަޓްސަން އެވޯޑާއެކު ---

ބަތަލުންތަކަކާއެކު މިއަހަރު ބޭއްވި އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސްއިން އަހަރުގެ ފިލްމުގެ އެވޯޑް "ބިއުޓީ އެންޑް ދަ ބީސްޓް" އަށް ލިބިއްޖެއެވެ.

ޑިޒްނީ އިން އެންމެ ފަހުން ނެރުނު ލައިވް އެކްޝަން ފިލްމު، "ބިއުޓީ އެންޑް ދަ ބީސްޓް"އަށް އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑް ލިބުނުއިރު، އެ އެވޯޑަށް ވާދަކުރި ފިލްމުތަކުގެ ތެރޭގައި ހިއު ޖެކްމަން ވުލްވަރިންގެ ގޮތުގައި ފެނިގެންދާ ފަހު ފިލްމު، "ލޯގަން" އާއި "ސްޓާ ވޯސް" ސިލްސިލާއިން އެންމެ ފަހުން ނެރުނު ފިލްމު "ރޯގް ވަން" ފާހަގަކޮށްލެވެއެވެ.

އެމްޓީވީގެ އެވޯޑަށް މިއަހަރު ގެނައި ބަދަލާއެކު މީގެ ކުރިން ދެމުން އައި އެންމެ މޮޅު އެކްޓަރު އަދި އެންމެ މޮޅު ބަތަލާގެ އެވޯޑްގެ ބަދަލުގައި ވަކި ޖިންސަކަށް ނުބަލައި މިއަހަރު ވަނީ ޖުމްލަކޮށް އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި ޝޯއަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑެއް ދޭން ފަށާފައެވެ.

އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސްގައި ޝޯއަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނު މިލީ ބޮބީ ބްރައުން އެވޯޑާއެކު ---

އެގޮތުން މިއަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ، މިއަހަރުގެ ފިލްމަކަށް ހޮވުނު ބިއުޓީ އެންޑް ދަ ބީސްޓްގެ ލީޑް ރޯލު ކުޅުނު އެމާ ވޮޓްސަން އަށެވެ. އޭނާއަށް އެ އެވޯޑް ލިބުނީ ޖޭމްސް މެކްއަވޯއީ އަދި ހިއު ޖެކްމަން ފަދަ ތަރިންނާ ވާދަކޮށެވެ.

ޝޯއަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ، މިއަހަރު އެންމެ މޮޅު ޝޯއަކަށް ހޮވުނު "ސްޓްރޭންޖާ ތިންޖްސް"ގެ މިލީ ބޮބީ ބްރައުންއަށެވެ.

އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސްގައި "ބެސްޓް ޑުއޯ" ކެޓަގަރީގެ އެވޯޑް ލިބުނު ހިއު ޖެކްމަން (ވ) އަދި ޑެންީ ކީން އެވޯޑާއެކު ---

އޭގެ އިތުރުން މިއަހަރުގެ ޖެނަރޭޝަން އެވޯޑް ލިބިފައިވަނީ "ދަ ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިސް އަށެވެ. ދާދި ފަހުން އެއް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބުނު އެ ފިލްމަށް ލިބުނު އެވޯޑާ ކާސްޓުންގެ ފަރާތުން ހަވާލުވީ، ވިން ޑީސެލް އެވެ.

މިއަހަރުގެ އެމްޓީވީ މޫވީ އެންޑް ޓީވީ އެވޯޑްސްގައި "ބެސްޓް ޑުއޯ" ކެޓަގަރީގެ އެވޯޑް ގެންދިޔައީ ސުޕަ ހީރޯ ފިލްމު، "ލޯގަން"ގައި ފެނިގެންދިޔަ ހިއު ޖެކްމަން، 48 އަދި ލައުރާ ކިނީގެ ރޯލުން ފެނިގެންދިޔަ ޑެފްނީ ކީން، 12 އެވެ.

comment ކޮމެންޓް