މިއަދު ހަވީރު އޭފްސީކަޕްގައި އިންޑިޔާގެ މޯހަން ބަގާން އަތުން 5-2ގެ ނަތީޖާއަކުން މޮޅުވުމަކީ މުޅި ދިވެހި ފުޓްބޯޅައަށްވެސް ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި އެ ނަތީޖާއަކީ ހުރިހާ ދިވެހިންވެސް ފަހުރުވެރިވާ ނަތީޖާއެއް ކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ބުނެފިއެވެ.
މެޗަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އަސަދުﷲ ބުނީ، މިއަދު، ވަރުގަދަ މޯހަން ބަގާންއާ ދެކޮޅަށް ކުޅުނު މެޗުން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމަކީ ގިނަ ދުވަސްތަކެއް ވަންދެން ހުރިހާ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މިފަދަ ނަތީޖާތައް ނެރުމަށް މަސައްކަތް ކުރާނެ ކަމަށް އަސަދުﷲ ބުންޏެވެ.
މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ބުނީ ކުޅުންތެރިންނާ މެދު ފަހުރުވެެރިވާ ކަމަށާއި ފުޓްބޯޅަ ދަންނަ ކޮންމެ މީހަކަށްވެސް މާޒިޔާއިން އެ ކާމިޔާބީ ހޯދީ ކިހާވަރެއްގެ ގޮންޖެހުންތަކަކާ އެކުކަން އެނގޭނެ ކަމަށާއި ހަމައެކަނި ބުނެލަން ބޭނުންވަނީ މި ހޯދުނު މޮޅަކީ ފަސޭހަ މޮޅެއް ނޫންކަމަށެވެ.
މިއަދުގެ މެޗުގައި މާޒިޔާއިން ފަސް ލަނޑު ކާމިޔާބުކުރިއިރު ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަޝްފާދު ހަބީބެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރެވެ. ތިންވަަނަ ލަނޑު އަދި ފަަސްވަނަ ލަނޑު ބިދެސީ ކުޅުންތެރިއާ ރަކިޗް ކާމިޔާބުކޮށްދިންއިރު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲއެެވެ.
މިއަދު މާޒިޔާ ހޯދި މޮޅާއެކު އެޓީމުވަނީ ގުރޫޕް އީގެ އެއްވަނައަށް ޖެހިލާފައެވެ.