އަގުހުރި އިނާމުތަކަކާ އެކު ރީފްސައިޑުގެ ރޯދަ ސޭލް ފަށައިފި

ރީފްސައިޑުގެ "މަރުހަބާ ރަމަޟާން" ސޭލް ޖޫން 30 ގެ ނިޔަލަށް ކުރިޔަށް ދާނެ --- ސަން ފޮޓޯ/ ޔާމިން ސައީދު

ބޮޑެތި ޑިސްކައުންޓްތަކަކާއި، އަގުހުރި އިނާމުތަކަކާ އެކު ރީފްސައިޑުގެ "މަރުހަބާ ރަމަޟާން" ސޭލް ފަށައިފިއެވެ.

ރޯދަ މަހާ ދިމާކޮށް ގިނަ ކުންފުނިތަކާއި ފިހާރަތަކުން ރޯދަ ސޭލްތައް އަޅުވަމުންދާ އިރު، ރީފްސައިޑުގެ ރޯދަ ޕްރޮމޯޝަން ފަށާފައިވަނީ އޭޕްރިލް 20 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަން ޖޫން މަސް ނިމުމާ ހަމައަށް ކުރިޔަށް ދާނެއެވެ.

ޕްރޮމޯޝަން ފެށުމަށް ރީފްސައިޑު ޓީވީ ސްޓޯރުގައި މިއަދު މީޑިއާއާ ބައްދަލުކުރަމުން، ރީފްސައިޑުގެ މާކެޓިންގް އެގްޒެކެޓިވް މުހައްމަދު އަހުސަން ވިދާޅުވީ، ރޯދަ މަހާ ދިމާކޮށް ރީފްސައިޑުގެ ގިނަ ސާމާނުތަކެއްގެ އަގު ހެޔޮކޮށްފައިވާނެ ކަމަށެވެ.

"ރޯދަ މަހާ ދިމާކޮށް އެލްޖީ 43 އިންޗީގެ 4ކޭ ރިޒޮލިއުޝަން ޓީވީ މިހާރު ލިބޭނެ 11،500 ރުފިޔާއަށް. ކުރިން 4ކޭ ރިޒޮލިއުޝަން ޓީވީ ލިބެނީ 20،000 އަށް ވުރެ ބޮޑު އަގަކަށް. މިހާރު ކަސްޓަމަރުންނަށް 4ކޭ ޓީވީ އަގުހެޔޮކޮށް ލިބޭނެ،"

ޓީވީގެ އިތުރުން ރީފްސައިޑުން ވަނީ ހޯމް އެޕްލަޔަންސާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތަކުންވެސް އަގު ހެޔޮކޮށްފައެވެ. އޭގެ ތެރޭގައި އަތުކުރި ގަޑި، ފްރިޖު، އޭސީ އަދި ބަދިގޭ ސާމާނު ހިމެނެއެވެ.

މީގެ އިތުރުން، ޕްރޮމޯޝަނުގެ މުއްދަތުގައި ރީފްސައިޑުން ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ހަތަރު ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

ރީފްސައިޑުން ބުނާ ގޮތުގައި، އެއްވަނައަށް ހޮވޭ ނަސީބުވެރިއަކަށް 40،000 ރުފިޔާގެ އަގުހުރި، ރާޑޯ ބްރޭންޑުގެ ކަޕްލް އަތުކުރި ގަޑި ލިބޭނެއެވެ. ދެވަނަ އިނާމަކަށް ބޯސް ބްރޭންޑުގެ ސައުންޑްޓަކް 300 ހޯމްތިއޭޓަރ ސައުންޑްބާއެއް ލިބޭ އިރު، ތިންވަނަ އިނާމަކަށް ލިބެނީ ސޮނީ ޕްލޭސްޓޭޝަން 4 ޕްރޯއެކެވެ. އަދި ހަތަރުވަނަ ނަސީބުވެރިޔާއަށް ލިބެނީ ގޯޕްރޯ ހީރޯ 5 ކެމެރާއެކެވެ.

ރީފްސައިޑުން ބުނީ، ރީފްސައިޑުގެ "މަރުހަބާ ރަމަޟާން" ޕްރޮމޯޝަން، މާލޭގައި ހުރި ރީފްސައިޑުގެ ހަތަރު ފިހާރައިން ކުރިޔަށް ދާނެ ކަމަށެވެ. އެ ހަތަރު ފިހާރައަކީ އޯކިޑުމަގުގައި ހުންނަ ރީފްސައިޑު ޓިވީ ސްޓޯރާއި ރީފްސައިޑު އިމްޕްރެޝަން، ފަރީދީމަގުގައި ހުންނަ ރީފްސައިޑު އިލެކްޓްރޯނިކްސް އަދި މަޖީދީމަގުގައި ހުންނަ ރީފްސައިޑު ލައިފްސްޓައިލުންނެވެ.

comment ކޮމެންޓް