ގައުމީ ޔުނިވާސިޓީގެ ފުރަތަމަ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް އަންނަ އޮކްޓޯބަރުގައި

"ތެވެލި 2017"ގެ ނަމުގައި ބާއްވާ ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް އިއުލާން ކުރުމަށް ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ބާއްވާ ފުރަތަމަ ބައިނަލް އަގުވާމީ ރިސާޗް ކޮންފަރެންސް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވަން ނިންމައިފިއެވެ.

"ތެވެލި 2017"ގެ ނަމުގައި ބާއްވާ އެ ކޮންފަރެންސްގެ ތީމަކީ "ޓުވާޑްސް އަ ސަސްޓެއިނަބަލް ސޮސައިޓީ" (ދެމެހެއްޓެނިވި މުޖުތަމައުއަކާ ދިމާލަށް)އެވެ. އެ ކޮންފަރެންސަށް އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ ދޭކުން ތިނަކަށ އަކަށެވެ.

ކޮންފަރެންސާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗޭންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު ވިދާޅުވީ، ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް ބާއްވާ އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރު ރިސާޗަރުން ބައިވެރިވެވަޑައިގަތް ތަގުރީރު ކުރައްވާނެ ކަމަށެވެ.

އެގޮތުން، ކޮންފަރެންސްގައި ދިރާސާ ކުރެއްވުމަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު އަށް ސަބް ތީމަކުން ވަނީ ހުޅުވާލާފައެވެ. ތީމްތަކުގެ ތެރޭގައި ހިމެނެނީ:

  • ތައުލީމާއި ވަޒީފާ އަދި ފަގީރުކަން މަދުކުރުން
  • ސިއްހަތާއި ނިއުޓްރީޝަން އަދި އިޖްތިމާއީ މަސައްކަތް
  • ޕޮލިޓިކްސް، ސިޔާސަތު، ގާނޫނާއި ގަވަނަންސް
  • ވިޔަފާރި، މެނޭޖްމަންޓް، ފިނޭންސް އަދި ކޯޕަރޭޓް ގަވަނަންސް
  • ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ
  • ބަހުރުވަ، މީޑިއާ އަދި ކޮމިއުނިކޭޝަން
  • ދީން، އާޓް އަދި ސަގާފަތް

ޑެޕިއުޓީ ވައިސް ޗާންސެލަރު ރިސާޗް އެންޑް އިނޮވޭޝަން އާއިޝަތު ޝާހީން ވިދާޅުވީ، ކަނޑައަޅާފައިވާ ސަބް ތީމުތަކުގެ އިތުރުން ކޮންފަރެންސްގެ މައި ތީމާ ގުޅޭ ގޮތުން ހުށަހަޅާ ހުރިހާ ކަރުދާހެއް ވެސް ބަލައިގަންނާނެ ކަމަށެވެ.

ދިވެހި ބަހާއި އިނގިރޭސި ބަހުގެ އިތުރުން އަރަބި ބަހުން ކުރިއަށް ގެންދަން ނިންމާފައިވާ އެ ކޮންފަރެންސަށް ކަރުދާހާއި ޕޯސްޓަރު ވެސް ހުށަހެޅޭނެ ކަމަށް ގައުމީ ޔުނިވާސިޓީން ބުނެއެވެ.

ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން ޑރ. ރަހީމާ އަބްދުއް ރަހީމް ވިދާޅުވީ، ކޮންފަރެންސަށް ހުށަހަޅާ ކަރުދާހުގެ ހުލާސާ ހުށަހެޅުން ނުވަތަ އެބްސްޓުރެކްޓް ސަބްމިޝަނަށް އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާއިރު ކަރުދާސްތައް ހުށަހެޅުމުގެ ފުރުސަތު އޯގަސްޓް މަހުގެ 24 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ.

އަދި ކޮންފަރެންސަށް ރެޖިސްޓްރޭޝަނަށް ހުޅުވާލާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް