މިއީ އެމެރިކާގެ ތާރީހުގައިވެސް އެންމެ ކާމިޔާބު 100 ދުވަސް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (އޭޕްރިލް 29): އެމެރިކާގެ ވެރިކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ހޭދަކުރެއްވި ފުރަތަމަ 100 ދުވަހަކީ ކުރީގެ ރައީސުންގެ ފުރަތަމަ 100 ދުވަހާ އަޅައިބަލާއިރު އެންމެ ކާމިޔާބު ދުވަސްތައް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހަކީ މިގައުމުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު (ފުރަތަމަ 100 ދުވަސް). އެންމެ 14 ހަފްތާ ތެރޭ އަޅުގަނޑުގެ ސަރުކާރުން ވަނީ ވޮޝިންޓަނަށް ބޮޑެތި ބަދަލުތައް ގެނެސްފައި،" ކޮންމެ ހަފްތާއަކު އެއް ފަހަރު ދެއްވާ ތަގުރީރުގައި ވާހަކަ ދައްކަވަމުން އިއްޔެ ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގައި މިހާރު އޮތް ސަރުކާރުގެ ކާމިޔާބީތައް ފާހަގަ ކުރައްވަމުން ޓްރަމްޕް ވަނީ މެދުފަންތީގެ އާއިލާތަކުންނާއި ވިޔަފާރިތަކުން ޓެކްސް ދައްކަން ޖެހޭ މިންވަރު ކުޑަކުރުމާއި، އެތައް ހާސް ވަޒީފާތައް އުފެއްދުމާއި، ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ގޮނޑިއަށް ފަނޑިޔާރު ނީލް ގޯސަޗް އައްޔަން ކުރުން ފާހަގަ ކުރައްވާފައެވެ. ކަމާ ބެހޭ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެންމެ ބޮޑު ކާމިޔާބީ އަކީ ގޯސަޗް އައްޔަން ކުރުމެވެ.

ނަމަވެސް އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޓްރަމްޕުގެ ނިންމުންތަކަށް ތާއީދު ކުރަނީ އެގައުމުގެ އާބާދީގެ 40 ޕަސެންޓް މީހުންނެވެ. އެއީ ފަހުގެ ތާރީހުގައި އެގައުމުގެ ރައީސަކަށް ފުރަތަމަ 100 ދުވަސް ތެރޭގައި ލިބުނު އެންމެ ދަށް ރޭޓިން ކަމަށް ވޯޓު ކުރިއަށް ގެންދިޔަ ގެލަޕް އިން ބުންޏެވެ.

މީގެ އިތުރުން، ވެރިކަމަށް ވަޑައިގަތުމުން އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ޓްރަމްޕް ފާހަގަ ކުރެއްވި މެކްސިކޯ އާއި އެމެރިކާއާ ދެމެދު ފާރު ރޭނުމުގެ މަސައްކަތަށް ވަނީ ގިނަ ހުރަސްތަކެއް އެޅިފައެވެ.

އެގޮތުން ފާރު ރޭނުމަށް ހަރަދު ކުރާނީ މެކްސިކޯއިން ކަމަށް އެންމެ ފުރަތަމަ ޓްރަމްޕް ވިދާޅުވި ނަމަވެސް ފަހުން ޓްރަމްޕް ވަނީ އެވާހަކަ ބަދަލު ކުރައްވައި، މެކްސިކޯއިން ފާރުގެ އަގު އަދާ ކުރާނީ ފާރު ރާނާ ނިމުމުން ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެފާރުގެ ހަރަދު ސަރުކާރުގެ ބަޖެޓުގައި ހިމެނުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް މަޖިލިސް މެމްބަރުންވެސް ދެކޮޅު ހެދުމުން ފާރުގެ ހަރަދު ބަޖެޓުގައި ނުހިމެނުމަށް ޓްރަމްޕަށް މަޖުބޫރުވި އެވެ.

ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރާ ދެ އަމުރެއްގައި ޓްރަމްޕް ސޮއި ކުރެއްވި ނަމަވެސް ކޯޓުން ވަނީ ދެ އަމުރުވެސް ހުއްޓުވާފައި -- ފޮޓޯ: ގެޓީ

ހަމަ އެފަދައިން، އެމެރިކާގެ ސިއްހީ ގާނޫނު ނުވަތަ 'އޮބާމާ ކެއާ' އުވާލައި އާ ގާނޫނެއް ފާސް ކުރުމަށާއި، ހަތް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާ ކުރުމަށް ޓްރަމްޕް ނެރުއްވި އަމުރު ތަންފީޒު ކުރެއްވުމަށް ދެ ފަހަރެއްގެ މަތިން ޓްރަމްޕް ކުރެއްވި މަސައްކަތްވީ ނާކާމިޔާބެވެ.

ޓްރަމްޕްގެ ކެމްޕެއިން ތެރޭގައި އޭނާ ވަނީ ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ ގެންގުޅުއްވާނީ 'އެމެރިކާ ފުރަތަމަ' ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އެސިޔާސަތުގެ ދަށުން، ބޭރު ގައުމުތަކުގެ ދާހިލީ މައްސަލަތަކަށް އިސްކަން ދެއްވުމުގެ ބަދަލުގައި ޓްރަމްޕުގެ ސަރުކާރުން އިސްކަން ދޭނީ އެމެރިކާ ކުރިއެރުވުމަށް ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް ޓެރަރިޒަމާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައާ ބެހޭ ގޮތުން ރިޕޯޓު ކުރާ ވެބްސައިޓެއް ކަމަށްވާ ލޯންގް ވޯ ޖާނަލްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމާ އަޅައިބަލާއިރު ޓްރަމްޕުގެ ސަރުކާރުގެ ޔަމަނަށް ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ.

އަދި ސީރިއާ ސަރުކާރުން އެގައުމުގައި ދިން ކެމިކަލް ހަމަލާއަކާ ގުޅިގެން ސީރިއާ ސަރުކާރުގެ ވައިގެ މަރުކަޒަކަށް އެމެރިކާ އަސްކަރިއްޔާއިން ހަމަލާއެއް ދީފައިވާ އިރު، މިމަސް ތެރޭގައި އެމެރިކާއިން ވަނީ ނިއުކްލިއާ ހަކަތަ ބޭނުން ނުކުރާ، ދުނިޔޭގެ އެންމެ ވަރުގަދަ ބޮން އަފްޣާނިސްތާނުގައި ބޭނުންކޮށްފައެވެ.

މީގެ އިތުރުން އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައާ ގުޅިގެން ދެ ގައުމުންދޭ ބަހުގެ ހަމަލާތައް ހޫނުވެފައިވާ އިރު، ރައީސް ޓްރަމްޕް ގުޅުން ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވި ރަޝިއާއާ އެކު އޮތް ގުޅުމަށް ވަނީ އިތުރު ހުރަސްތައް އެޅިފައެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވިތޯ ބަލަން އެފްބީއައި އާއި ގާނޫނު ހަދާ މަޖިލީހުން މިހާރުވެސް ދަނީ ތަހުގީގުތައް ހިންގަމުންނެވެ.

އެހެންކަމުން، ރައީސް ޓްރަމްޕުގެ ސަރުކާރަކީ އޭނާ ވިދާޅުވާހާ ކާމިޔާބު ސަރުކާރެއްތޯ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. ނަމަވެސް ޓްރަމްޕްގެ ކާމިޔާބީތައް އިތުރު ކުރެއްވުމަށް އަދި ވަގުތު އޮތް ކަން އެހެން ފަރާތްތަކުން ފާހަގަ ކުރެ އެވެ.

comment ކޮމެންޓް