އަގުބޮޑު އިނާމްތަކަކާ އެކު މައިލޯ ''ފައިވް ކޭ ރަން'' ހުޅުމާލޭގައި ބާއްވަނީ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން "މައިލޯ ފައިވް ކޭ ރަން"ގެ ނަމުގައި ޓީމް ރޭހެއް ބާއްވަން ނިންމައިފިއެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ރޭސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

ރާއްޖޭގައި އާންމުކޮށް ބާއްވާ ރޭސް ތަކާ ޚިލާފަށް ޓީމްތައް ވާދަކުރާގޮތަށް ކުރިއަށް ގެންދާ ރޭހާ ގުޅޭގޮތުން ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ، މި ފަދަ ރޭހެއް ބޭއްވުމުގެ މަގްސަދަކީ ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދިނުމާއި ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން ދިމާވާ ބަލިތަކުން ރާއްކާތެރިވުމަށް ހޭލުންތެރި ކުރުމާއި އަދި އެކުވެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.

އަލަށް ތައާރަފް ކުރެވޭ ޓީމް ރޭހާ ގުޅޭ ގޮތުން ސްޕޯޓްސް ކޯޕަރޭޝަނުންބުނީ، މި ފުރުޞަތަކީ ޓީމް ވޯކުގެ ތެރެއިން ފަސް ކިލޯ މީޓަރުގެ ރޭހެއް ފުރިހަމަ ކުރުމަށް ހުޅުވާލެވޭ ފުރުޞަތެއްކަމަށާއި ރާއްޖޭގައި ބޭއްވޭ އެހެން ހުރިހާ ރޭސްތަކަށް ވުރެ މިރޭސް ތަފާތުވާނެ ކަމަށެވެ.

ފަސް ކިލޯމީޓަރުގެ މި ރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ސަރުކާރުގެ މުއައްސަސާތަކަށާއި އަމިއްލަ ކުންފުނިތަކަށްވެސް ހުޅުވަލާފައިވާކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ފަސް ދުވުންތެރިން ހިމަނައިގެން ޓީމުތައް ހެދޭއިރު ރޭހުގައި ބައިވެރިވާ ޓީމްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މައިލޯ ފައިވް ކޭ ރަންގެ ވަނަވަނައަށް ދާ ޓީމްތަކަށް އަގުބޮޑު އިނާމްތައް ދިނުމަށް ހަމަޖެހިފައިވާއިރު މި ރޭހުގެ މެއިން ސްޕޯންސަރަކީ މައިލޯއެވެ. ހޯސްޓިންގް ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސާފައިވައިރު މީޑީއާ ޕާތްނަރަކީ ސަން މީޑިއާ ގުރޫޕެވެ.

comment ކޮމެންޓް