އުތުރު ކޮރެއާއިން އޮތީ އެމެރިކާގެ މަނަވަރު ފައްތާލަން ތައްޔާރަށް ކަމަށް ބުނެފި

އެމެރިކާގެ އަސްކަރީ މަނަވަރެއް -- ފޮޓޯ: އޭއެފްޕީ

ސޯލް (އޭޕްރިލް 24): އުތުރު ކޮރެއާއިން އޮތީ ކޮރެއަން ޕެނިންސުލާއަށް މިސްރާބު ޖަހާފައިވާ އެމެރިކާގެ މަނަވަރު ފައްތާލަން ތައްޔާރަށް ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އުތުރު ކޮރެއާގެ ވެރިކަން ކުރާ ވޯކާސް ޕާޓީއާ ގުޅުން އޮންނަ ރޮޑޮންގް ސިންމަން ނޫހުގައި ވަނީ 'އެއްމެ ހަމަލާއަކުން' ޔޫއެސްއެސް ކާލް ވިންސަން ފައްތާލާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އެހަމަލާ ވާނީ އެގައުމުގެ އަސްކަރިއްޔާގެ ބާރު ދައްކުވައިދޭ މިސާލަކަށް ކަމަށް ވެސް ނޫހުގައި ބުނެފައިވެ އެވެ.

އެމެރިކާގެ މަނަވަރުތަކެއް ކޮރެއަން ޕެނިންސުލާ ކައިރިއަށް ދިޔުމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރެއްވީ އުތުރު ކޮރެއާއާ ދެކޮޅަށް ފިޔަވަޅު އަޅަން ތައްޔާރަށް އޮތް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ފަހުންނެވެ.

އަދި އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުމަކަށް ގެނައުމަށް އެގައުމަށް އިތުރަށް ޕްރެޝަރު ކުރެވޭނެ ގޮތްތައް ވިސްނަމުންދާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވުމާ ގުޅިގެން ރޮޑޮންގް ސިންމަން ނޫހުން ވަނީ ޓިލާސަން އަށްވެސް ރައްދު ދީފައެވެ.

އެގޮތުން އުތުރު ކޮރެއާއިން ވަރުގަދަ ހަމަލާއެއް ދީފި ނަމަ އޭގެ ސަބަބުން ދެކުނު ކޮރެއާ އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ތިބި އެމެރިކާ ސިފައިންގެ އިތުރުން، އެމެރިކާވެސް 'އަޅިއަށް ހަދާލާނެ' ކަމަށް އެގައުމުގެ ނޫހުން ބުނެ އެވެ.

މީގެ އިތުރުން، އޮސްޓްރޭލިއާ އިން އެމެރިކާއަށް އެހީތެރިވަމުންދާ ނަމަ އެގައުމަށްވެސް ނިއުކްލިއާ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ވަނީ ދީފައެވެ. (ބީބީސީ)

comment ކޮމެންޓް