މާލޭ ލީގުގެ އެންމެ ހަގު ޓީމު، ގްރީން ސްޓްރީޓް ތާވަލްގެ އެއް ވަނައަށް

މާލޭ ލީގުގައި ގްރީން ސްޓްރީޓް އަދި އީގްލްސް ބައްދަލުކުރި މެޗުގެ ތެރެއިން-- ސަންފޮޓޯ/ ފަޔާޒް މޫސާ

މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވާދަވެރި އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓުން ޕޮއިންޓް ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ގައުމީ ދަނޑުގައި ކުޅުނު އެ މެޗު ގްރީން ސްޓްރީޓުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

އެ ނަތީޖާއެކު ކުޅުނު ފަސް މެޗުން ލިބުނު 10 ޕޮއިންޓާ އެކު ގްރީން ސްޓްރީޓަށް އެއް ވަނަ ލިބެނީ ދެ ވަނާގައި އޮތް ނިއުރޭޑިއަންޓަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އަދި މިއަދުގެ މެޗުން ބަލިވި އީގަލްސް އަށް ލިބެނީ ހަތް ޕޮއިންޓާ އެކު ތާވަލްގެ ފަސް ވަނައެވެ.

މިއަދުގެ މެޗު ފަށައިގެން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔައީ އީގަލްސްއިންނެވެ. އެ ޓީމުން މިއަދުގެ މެޗަށް ވެސް ކީޕަރު ސުޖަން ފިޔަވާ ދެން މުޅިން ވެސް ރާއްޖެ ކުޅުންތެރިން ނެރުން އިރު އެކުޅުންތެރިންވަނީ ރަނގަޅު ކުޅުމެއްދައްކާފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރުވެގެންނެވެ.

މޮޅަށް ކުޅެމުންދިޔަ އީގަލްސްއަށް ނުތަނަވަސްކަމަކާއި ކުރިމަތިލާން ޖެހުނީ ދެވަނަ ހާފު ފެށިތަނާހެން ހުސެއިން ޝިފާއު އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެ ލަނޑާއެކު ގްރީން ސްޓްރީޓުން އެ މީހުންގެ ކުޅުން ރަނގަޅުކޮށް މެދު ތެރެއިން ރަނގަޅު ބޯޅަތަކެއް ކުރިއަށް ލެވޭތޯ މަސައްކަތް ކުރިތަން ފެނިގެންދިޔަ އެވެ. އަދި މިއަދުގެ މެޗުގައި އީގަލްސް އަށް ބިދޭސީ ކުޅުންތެރިންގެ އެންމެ އެދެވޭ ބޭނުމެއް ނުހިފުނު ކަމުގައި ވީނަމަވެސް ގްރީން ސްޓްރީގެ ބިދޭސީ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައެވެ.

ގްރީން ސްޓްރީޓްކޮޅަށް މެޗުގެ ނަތީޖާ ބުރަވެގެން ދިޔައީ 59 ވަނަ މިނިޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ އިލިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ގްރީން ސްޓްރީޓަށް ލިބުނު ހިލޭ ޖެހުމަކުންނެވެ. މެޗުގެ ބޮޑު ބައި އެ ނަތީޖާއާއެކު ދިޔައިރު މެޗުގެ ފަހު 15 މިނިޓުތެރޭގައި އީގަލްސްއިން ވަނީ ގްރީން ސްޓްރީޓް ހާފު ތެރޭގައި ރަނގަޅަށް ކުޅެ ގޯލެއް ކާމިޔާބުކުރެވޭތޯ މަސައްކަތް ކޮށްފައެވެ. ނަމަވެސް ގްރީން ސްޓްރީޓުގެ ޑިފެންސް ލައިނުންވަނީ އީގަލްސް ކުޅުންތެރިންގެ ހަމަލާތައް ބޭކާރުކޮށްލާފައެވެ.

މާލެ ލީގުގައި މިރޭ އިތުރު މެޗެއްވެސް ކުޅެން ހަމަޖެހިފައިވާއިރު އެ މެޗުގައި ވާދަކުރާނީ ތާވަލްގެ އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓަރީ އަދި ވެލެންސިއާއެވެ. އެ މެޗު ފަށާނީ މިރޭ 9:00 ގައެވެ.

comment ކޮމެންޓް