އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓީސް ސައޫދީ އަރަބިޔާ އަށް ވަޑައިގެންފި

ރިޔާޒް (އެޕްރީލް 19) : އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓީސް ސައޫދީ އަރަބިޔާއަށް ވަޑައިގެންފިއެވެ. މިއީ އެފްރިކާއާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް އޭނާ ކުރައްވާ ދަތުރުފުޅެއްގެ ފުރަތަމަ މަންޒިލެވެ.

ރިޔާޒް އަށް ވަޑައިގެން ދެއްވި ބަޔާނެއްގައި މާޓީސް ވިދާޅުވީ ސޫރިޔާ، ޔަމަން އަދި އިރާގުގައި ހިނގަމުންދާ ހަނގުރާމަތަކާބެހޭގޮތުން ސައޫދީ މަސްއޫލުވެރިންނާ މަޝްވަރާކުރައްވާނެ ކަމުގައެވެ. ޔަމަންގެ ހަނގުރާމައާބެހޭގޮތުން މާޓީސް ވިދާޅުވީ ޔަމަންގެ ހޫޘީންނަށާއި ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ގެ ބާރުތަކަށް އީރާނުން ހަތިޔާރު ފޯރުކޮށްދޭކަމުގައެވެ. އަދި އީރާނުން އުފައްދާ ހަތިޔާރުތައް ހޫޘީންނާއި ސާލިޙްގެ ސިފައިން ލައްވައި އީރާނުން އަޖުމަ ބަލައި ތަޖްރިބާކުރަމުން ގެންދާކަމަށާ ސަރަހައްދީ ރޮނގު ހުރަސްކޮށް ސައޫދީ އަށް ހޫޘީން ފޮނުވަމުންދާ ގިނަ އަދަދެއްގެ މިސައިލްތަކާއި ރޮކެޓްތަކަކީ އީރާނުގެ އުފެއްދުންތައް ކަމަށް މާޓީސް ވިދާޅުވިއެވެ. މިކަން ނިމުމަކަށް ގެނައުމަށް ސައޫދީ އާ ގުޅިގެން އެމެރިކާ މަސައްކަތް ކުރާނެ ކަމަށްވެސް މާޓީސް ވިދާޅުވިއެވެ.

މާޓީސްގެ މިދަތުރުފުޅުގައި އެމެރިކާގެ ހަތިޔާރު ސައޫދީ އަށް ވިއްކުމާބެހޭގޮތުން ސައޫދީ ދިފާއީ ވަޒީރު މުހައްމަދު ބިން ސަލްމާން އާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މާޓީސް ސައޫދީ އަށް ވަޑައިގެންނެވީ ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަދެގަނެގެން އުޅޭ އަރަބި ކޯލިޝަންގައި ހިމެނޭ ސައޫދީ ހެލިކޮޕްޓަރެއް ވެއްޓި އޭގައިތިބި 12 ސިފައިން މަރުވި ހާދިސާ އަށްފަހުއެވެ.

އެމެރިކާގައި އުފައްދާފައިވާ ބްލެކްހޯކް މަރުކާގެ އެހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި މަރުވި 12 ސިފައިންގެ ތެރޭގައި ސައޫދީ ސިފައިންގެ އޮފްސަރުންގެ 4 މީހުން ހިމެނެއެވެ. މި ހެލިކޮޕްޓަރު ވައްޓާލިކަމަށް ހޫޘީން ބުނާއިރު ސައޫދީން މިކަން ދޮގުކުރެއެވެ. ސައޫދީ އަސްކަރީ ތަރްޖަމާނަކުވަނީ މި ހާދިސާ ތަހްގީގް ކުރަމުންގެންދާކަމަށް ވިދާޅުވެފައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު