ގިނަ ދުވަސް ތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު މިދިޔަ އަހަރު އަލުން ޓެނިހުގެ ތެރެއަށް އެނބުރި އައިސް އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައި އައިމިނަތު މަލީލަ ސާލިހު މުޅި ރާއްޖެއަށް މިސާލެއް ދއްކުވާދީފި އެވެ.
ކުޑަ ދެ ކުދިންގެ މަންމަ މަލީލާ ސޯލިހު އެ މުބާރަތުގެ ޗެމްޕިއަންކަން ހޯދީ އޭނާއަށް ވުރެ ޒުވާން ކުޅުންތެރިން ބަލިކޮށްފައެވެ.
ލިބުނު ކާމިޔާބީ އަށް ފަހު ސަން ސްޕޯޓްސްއާ ވާހަކަދައްކަމުން މަލީލާ ބުނީ އެހާ ދުވަހު ކުޅުމާއި ދުރުގައި ހުރެފައި އައިސް މުޅިން އަލަށް ބޭއްވި މުބާރާތެއްގެ ޗެމްޕިއަންކަން ހޯދުނީތީ އުފާ ކުރާ ކަމަށާއި ހުރިހާވެސް ޝުކުރެއް އާއިލާއަށް ކަަމަށެވެ.
"ވަރަށް އުފާ ވެއްޖެ. ހުރިހާ ވެސްް ޝުކުރެއް އާއިލާއަށް. އާއިލާގެ ސަޕޯޓާ ނުލާ މިހާ ހިސާބަކަށް ނާދެވުނީސް،" މަލީލާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އަނބުރާ ޓެނިހުގެ ތެރެއަށް އައީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި މިހާ ޗެލެންޖިން މުބާރަތެއް ކާމިޔާބުކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު ކަމަށެވެ.
އޭނާ ބުނީ މި ކުޅިވަރަކީ ފިޓްނަސް އަށް ވިސްނަންޖެހޭ ކުޅިވަރެއްކަމުން އަނބުރާ ޓެނިހުގެ ތެރެއަށް އައުމަށްތާކައި ފިޓް ކޮށް ހުރުމަށް މަސައްކަތަކެއް ކުރެވުނު ކަމަށާއި މިފަދަ މުބާރާތެއްގެ ތަށި ހޯދުމަކީ އަބަދުވެސް ދެކަމުން އަންނަ ހުވަފެނެއް ކަމަށެވެ.
މަލީ ބުނީ މިހާހިސާބުން މި ނިމުނީ ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެންމެ މަތީ ފެންވަރުގައި ޓެނިސް ކުޅުމުގައި ދެމިހުރުމަށް މަސައްކަތް ކުރާނެ ކަަމަށެވެ. އަދި އެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް މަލީ ބުންޏެވެ.
ފުރަތަމަ އައިއޭއެސް މޯލްޑިވިއަން ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން މަލީލާ ހޯދިއިރު އޭނާ ވަނީ ސާޅީސް ހަތް ވަނަ އެސްޓީއޯ ނިޕޮން ޕެއިންޓް ގައުމީ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ވެސް މިދިޔަ އަހަރު ހޯދާފައެވެ.