ފުލުހުންގެ ދުވެލި މަތަ ކުރޭ!

ގދ. ތިނަދޫގައި ފުލުހުންގެ ވޭނެއް ސައިކަލެއްގައިޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވުމުގެ ޖަޒުބާތު އޮބިގެން ނުދަނީސް ފުލުސް ވެހިކަލަކުން ޖެހި ދ. ކުޑަހުވަދޫގައި ވެސް ވަނީ މީހަކު ޒަހަމްވެފަ އެވެ. މިނޫނަސް ދޭތެރެއަކުން ފުލުސް ވެހިކަލްތަކުން ޖެހި އެކިވަރުގެ އެކްސިޑެންޓްތައް ހިނގަ އެވެ. އެކަމަކު މީގެ މާނައަކީ ފުލުހުން އެކްސިޑެންޓްތައް ހިންގުމެއް ނޫނެވެ. ނަމަވެސް އާންމު ވެހިކަލްތަކުގެ ދުވެލި މަތަ ނުކުރެވިދާ ދިއުމުގައި ފުލުހުންގެ ވެހިކަލްތައް އެކްސިޑެންޓްވެ ހާދިސާތައް ހިނގާނަމަ އެވާހަކަ މީހުންގެ ސަމާލު ކަމަށް އަންނާނެ އެވެ. އެންމެންގެ ސަލާމަތް ކަން ހޯދައިދޭން ތިބޭ ފުލުހުންގެ ވެހިކަލްތަކުގެ ދުވެލި މަތަ ނުވެގެން އުޅޭނަމަ އެވާހަކަ ވެސް ދައްކާނެ އެވެ.

އެއްގަމުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ދަނީ އިތުރު ވަމުން ނެވެ. ހިނގާ އެކްސިޑެންޓްތަކުގެ އެއް ހަގީގަތީ ހައްދެއް ނެތި ރާއްޖެއަށް އެއްގަމު އުޅަނދު އެތެރެވެ، ބަލައިލުމެއް ނެތި ދުއްވުންތައް ގިނަވުމެވެ. އަނެއް ކަމަކީ މައްސަލައަށް ހައްލެއް ހޯދޭ ތަނެއް ނައުމެވެ. އެކަމަށް ތަފާތު ކެމްޕެއިންތައް ހިންގާއިރު ވެސް ނަތީޖާއެއް ނުނުކުމެ ސުމަކުން ދާތީ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން "ދުވެލި މަތަކުރޭ ފުރާނަ ސަލާމަތް ކުރޭ" އެ ނަމުގައި ވެސް ފުލުހުން ކެމްޕޭނެއް ފަށައިގެން އެބަ ހިންގަ އެވެ. ނަމަވެސް ހޭލުންތެރި ކުރުމަށް ފަށާފައިވާ ކެމްޕެއިނަށް ހަތް މަހާ ހަތަރު ދުވަސް ވެގެންދާއިރު ދުވެލި މަތަވެއްޖެ ކަމުގެ އިހުސާސް ނުވާ ކަމަށް އާންމުން ދެކެ އެވެ. "ރޭހަށް އޮބައިލެވިގެން" ފުލުސް ވެހިކަލްތައް އެކްސިޑެންޓްތައް ވަމުންދާތީ އެވެ.

ތިނަދޫގެ އެކްސިޑެންޓާ ގުޅިގެން ސަން އޮންލައިންގައި ޝާއިއު ކުރި އެ ހާދިސާއާ ގުޅޭ ޚަބަރުތަކަށް އާންމުން ކޮށްފައިހުރި ކޮމެންޓް ތަކަށް ބަލާއިރު ފުލުހުންގެ ދުއްވުންތައް މަތަވާ ވަރަށްވުރެ ބާރު ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ.

"ޓު ޕްރޮޓެކްޓް އެންޑް ސާވް ދެއްތޯ؟ ޕްރޮޓެކްޓް ކުރެވެނީ ކިހާވަރަކަށް ކަމާމެދު މިހާރު ސުވާލު އުފެދޭ. ބައްލަވާ އިއްޔެރޭ ފަތިހު އަޅުގަނޑު ޗާންދަނީ މަގުން ދަނިކޮށް ވެސް ފުލުހުންގެ ކާރެއް ދިޔައީ ހާދަ ބާރު ދުވެއްޔެއްގައޭ،" އެކަކު ފޮނުވާފައިވާ ކޮމެންޓެއްގައި ލިޔެފައި ވެއެވެ.

ތިނަދޫގައި އެކްސިޑެންޓްގައި މީހަކު މަރުވުމުގެ ކުރިން ފުލުހުންގެ ވެހިކަލަކުން ޖެހި ހަތަރު އެކްސިޑެންޓެއް އެ ރަށުގައި ހިނގާފައިވާ ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ. ކޮމެންޓްތައް ބުނާ ގޮތުން ރަށްރަށުގައި ގާއިމުވެގެން ތިބޭ ފުލުހުން ދުއްވާ ވެހިކަލްތަކުގައި "ބުރައްކެތް ނުހިފެ" އެވެ. ފުލުހުން އެމީހުންގެ ވެހިކަލްތައް ދުއްވަނީ އެހާ ވެސް ބާރަށެވެ. ބައެއް ފަހަރު މާލޭގައި ވެސް ރޭގަނޑުގެ ވަގުތުތަކުގައި ވަރަށް ބާރަށް ފުލުހުންގެ ވެހިކަލްތައް ދުއްވާ ކަމަށް މީހުން ތުހުމަތު ކުރެ އެވެ.

"މިއީ އާ ކަމެއް ނޫން އެކަމަކު ވާ ގޮތަކީ ފުލުހުންގެ ރިކޯޑް ތަކަކުން އެކަމެއް ނުދައްކާ. ވެހިކަލުން ޖެހުނީމަ ހަދައިދޭނަމޭ ބުނީމަ ކޮންމެ މީހަކު ވެސް އަވަހަށް ދަނީ މައްސަލައަކަށް ނަހަދާ،" ތިނަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ވިލިމާލެ އަކީ ހުއްދަ ދޫކޮށްފައިވާ އުޅަނދުތައް ނޫން އެއްގަމު ދުއްވާ އެއްޗެހި ދުއްވުން މަނާ ރަށެކެވެ. ނަމަވެސް އެރަށުގެ ރައްޔިތުންގެ ޝަކުވާއަކީ ވެސް ފުލުހުންގެ ވެހިކަލްތަކުގެ ދުވެލި މަތަ ނުވާ ވާހަކަ އެވެ.

ކޮންމެ ކަމެއްގައި ވެސް ބައެއް ހަގީގަތް ފާޅުވަނީ މީހެއްގެ ފުރާނަ އަށް ނުރައްކާ ވާ ހިސާބުންނެވެ. މިއީ މިކަމާ ގުޅޭ މަދު ބައެއް ވާހަކަތަކެވެ. ނަމަވެސް ފުލުހުން ބުނަނީ ފުލުހުންގެ އިހުމާލުން އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރު ނުވާ ކަމަށެވެ. އެކަން ފުލުހުންނަށް ފާހަގަވެފައިނުވާ ކަމަށެވެ. އެކަމަކު ފުލުހުންގެ ފަރާތުން ނުރައްކާތެރި އެކްސިޑެންޓްތައް ނުހިނގައެކޭ މީހުންގެ ފުރާނައެއް ނުދެއެކޭ ބުނެވެން އެބައޮތް ހެއްޔެވެ؟
ގުޅޭ ޓެގު
comment ކޮމެންޓް