ޝައިފަން މަރަން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން އަނެއްކާ ވެސް ކެންސަލް ކޮށްފި

މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން ----

މާފަންނު ފެއަރީ ކޯނަރު، އަލީ ޝިފާން މަރާލިކަން ސާބިތުވާ ކަމަށް ކަނޑައަޅައި ހައިކޯޓުން މަރުގެ ހުކުމް އިއްވާފައިވާ މާލޭ މުނިސިޕަލްޓީގެ ހާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަންގެ މައްސަލަ ސުޕްރީމް ކޯޓުގައި މިއަދަށް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހަށް ވެސް ތާވަލް ކުރިއެވެ. ނަމަވެސް ޝައިފަންގެ ވަކީލު މާލޭގައި ނެތުމުގެ ސަބަބުން، ވަކީލު އެދިގެން އެ ދުވަހުގެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ޝައިފަންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނިކޮށް ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި މަރަން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހު އެވެ.

މަރުގެ މައްސަލައެއްގައި ދައުވާ ލިބޭ މީހާ އެންމެ ފަހު މަރުހަލާގައި އިސްތިއުނާފަށް ހުށަހެޅި މިއީ ފުރަތަމަ މައްސަލަ އެވެ. މީގެ ކުރިން މަރުގެ މައްސަލަތައް ސުޕްރީމް ކޯޓަށް ހުށަހަޅަނީ ދައުލަތުންނެވެ.

ޝިފާންގެ މަރުގެ މައްސަލާގައި ޝައިފަންގެ އިތުރުން ދެން ދައުލަތުން ދައުވާ އުފުލާފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ. ނަމަވެސް އެދެ މީހުންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އެދެ މީހުންގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ބަޔަށް ވަނީ ތާއީދުކޮށްފަ އެވެ.

ޝައިފަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް، ހައިކޯޓުން ވަނީ އެބައި ބާތިލުކޮށް ޝައިފަން މެރުމަށް ހުކުމްކޮށްފަ އެވެ. ހައިކޯޓުން ކުރި ހުކުމުގައި ޝިފާން މަރާލިކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝައިފަންގެ މައްޗަށް ސާބިތުވާ ކަމަށް ބުނެފައިވެ އެވެ.

އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 އެހާކަންހާ އިރު ވެސްޓުޕާކް ރެސްޓޯރަންޓް ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ.

comment ކޮމެންޓް