އެމެރިކަން އެއާލައިންސްގެ ޕައިލެޓެއް ދަތުރުމަތީގައި މަރުވެއްޖެ

އެމެރިކަން އެއާލައިންސްގެ ފްލައިޓުތަކެއް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 30): އެމެރިކާގެ ޑަލަސް އިން އަލްބަކާކީއަށް މިއަދު ދަތުރުކުރަމުންދިޔަ އެމެރިކަން އެއާލައިންސްގެ ކޯ ޕައިލެޓު މަރުވެއްޖެ ކަމަށް އެއޭލައިނުން ބުނެފި އެވެ.

އަލްބަކާކީ އެއާޕޯޓުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ބޯއިން 800-737 މަރުކާގެ އެފްލައިޓު އެއާޕޯޓާ ދެ މޭލު ކައިރީގައި އޮއްވައި، ބޯޓުގެ ކެޕްޓަން ވަނީ މެޑިކަލް އެމާޖެންސީއެއް ކުރިމަތިވެއްޖެކަން އިއުލާންކޮށްފަ އެވެ.

އަދި ބޯޓުގެ ކެޕްޓަން ވަނީ އިތުރު ހާދިސާއަކާ ނުލައި ބޯޓު އެއާޕޯޓުގައި ޖައްސާފައި ކަމަށާއި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އަލްބަކާކީ ޖާނަލްގައިވެ އެވެ.

އެމެރިކަން އެއާލައިންސް އިން ނެރުނު ބަޔާނެއްގައި އެ އެއާލައިނުން ވަނީ ދަތުރުމަތީގައި މަރުވި ޕައިލެޓް، ވިލިއަމް ގްރަބްސްގެ އާއިލާއަށް ހަމްދަރުދީގެ މެސެޖެއް ފޮނުވާފަ އެވެ. އޭނާ މަރުވި ސަބަބު އެއާލައިނުން ހާމަ ނުކުރެ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރު، އެމެރިކާގެ ފީނިކްސް އިން ބޮސްޓަން އަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ޕައިލެޓް ވަނީ ދަތުރުމަތީގައި މަރުވެފަ އެވެ. ނަމަވެސް ބޯޓުގެ ކޯ ޕައިލެޓު ވަނީ އިތުރު ހާދިސާއަކާ ނުލައި ބޯޓު ޑައިވާޓުކޮށް، ނިއު ޔޯކުގައި ބޯޓު ޖައްސާފަ އެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް