ވެލެޒިނީ ވަނީ މުރުތައްދުވެފައި: އިސްލާމިކް މިނިސްޓްރީ

2010 އޮގަސްޓް 4: ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ދިއުމަށް ވެލެޒިނީ ހުރަސް އަޅުއްވަނީ -- ސަން ފައިލް ފޮޓޯ/ އަލީ ނަސީރު

ޖުޑީޝަލް ސާވިސެސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އާއިޝަތު ވެލެޒިނީ ސޯޝަލް މީޑިއާގައި ވީޑިއޯ ޒަރިއްޔާއިން ދައްކަމުންދާ ވާހަކަތަކުން އެނގޭ ގޮތުގައި އޭނާ ރަސޫލުކަމަށް ދައުވާކޮށްފައިވާ ކަމަށާއި، އޭނާ ވަނީ މުރުތައްދުވެފައި ކަމަށް އިސްލާމިކް މިނިސްޓްރީގެ އިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ވެލެޒިނީ ދަނީ، ގާނޫނު އަސާސީގެ 285 ވަނަ މާއްދާއަށް އަމަލުކުރުމަށް ޖުޑީޝަލް ސާވިސެސް ކޮމިޝަނުން އިހުމާލިވި ކަމާށް ބުނެ، ސޯޝަލް މީޑިއާގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް ވަރަށް ބޮޑަށް ވާހަކަ ދައްކަމުންނެވެ. މި ވަހަކަތައް ވެލެޒިނީ މީގެ ކުރިން "ސަން"އާ ހިއްސާ ކޮށްފައިވެސް ވެއެވެ. އަދި އޭނާ ގެންދަނީ، މި ކަންކަން އިސްލާހުކުރުމަށްޓަކައި ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކޯޓަށް ދާނެ ކަމަށް ބުނަމުންނެވެ.

ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އެރަސްމަސް ޔުނިވާސިޓީގެ އިންސްޓިޓިއުޓް އޮފް ސޯޝަލް ސްޓަޑީޒްގައި ޕީއެޗްޑީއަށް ކިޔަވަމުން ގޮސް، ވެލެޒިނީ މިހާރު ވަނީ އެ ޔުނިވާސިޓީއިން ވަކިވެފައެވެ. އޭނާ ދިރިއުޅެނީ ދަ ހޭގްގައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިއަދު ވެލެޒިނީ އާންމުކުރި ވީޑިއޯއެއްގައި އޭނާ ރަސޫލުކަމަށް ދައުވާކޮށްފައިވާކަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ވަނީ އިސްލާމް ދީނުގެ އުސޫލުތަކުން ބޭރުވެ، މުރުތައްދުވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

"އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم އަކީ އެންމެފަހުން ފޮނުއްވޭނެ ނަބިއްޔާކަމާއި، ރަސޫލާކަން ކީރިތި ޤުރްއާނާއި މާތް ރަސޫލާގެ ސުންނަތުގައި ވަނީ ބަޔާން ކޮށްދެއްވާފައި،" މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ބުނީ، އިސްލާމް ދީނުގެ އުސޫލުތަކާ ޚިލާފު އެފަދަ ވާހަކަތައް ދެއްކުމަކީ ދީނުގައި އެއްވެސް މީހަކަށް ލިބފިައިވާ ހައްގެއް ނޫން ކަމަށާއި، އެހެންކަމުން އެފަދަ ފަރާތްތަކަކީ މުރުތައްދުވެފައިވާ މީހަކަށް ވާނެ ކަމަށެވެ.

"ބުއްދި ސަލާމަތުން ހުރެ މުސްލިމަކު މިފަދަ ވާހަކައެއް ދައްކައިފިނަމަ އެމީހަކު ވާނީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމުގައި. މިގޮތުން ބަލާއިރު ޢާއިޝަތު ވެލެޒިނީ މުޙައްމަދުގެ މިވާހަކަތަކުގެ މައްޗަށް ރިޢާޔަތްކޮށް އޭނާއަކީ، މުރުތައްދުވެފައިވާ މީހަކުކަމުގައި މި މިނިސްޓްރީގެ ޢިލްމުވެރިންގެ ބައްދަލުވުމަކުން ކަނޑައަޅައިފި ވާހަކަ ދަންނަން،"

މިނިސްޓްރީން ވަނީ، އިސްލާމީ އުސޫލުތަކާ ޚިލާފު ވަހަކަތައް ނުފެތުރުމަށާއި، އިސްލާމް ދީނާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް