އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ދެވަނަ ދުވަހުގެ ކުޅުން ރޭ ނިމުނުއިރު، ސިންގަލްސް އިވެންޓުގެ ފުރަތަމަ ރައުންޑުގެ މެޗުތައް ނިމި ގަދަ އަށަކަށް ތިން އުމުރު ފުރައަކުން 40 ކުޅުންތެރިން ދަތުރު ކޮށްފި އެވެ.
ތޭރަ އަހަރުން ދަށުގެ ފިރިހެން ބައިން ގަދަ އަށަކަށް ހޮވިފައިވަނީ ކަލާފާނު ސްކޫލުގެ ހަތަރު ކުޅުންތެރިއަކާއި ގިޔާސުއްދީން ސްކޫލުގެ ދެ ކުޅުންތެރިއަކާއި ބިލަބޮންގް ހައި އިންޓަނޭޝަނަލްގެ ކުޅުންތެރިއަކާއި އަދި ތާޖުއްދީނު ސްކޫލުގެ ކުޅުންތެރިއެކެވެ. އަންހެން ބައިން ގަދަ އަށަކަށް ހޮވިފައިވަނީ ގިޔާސުއްދީންގެ ހަތަރު ކުޅުންތެރިންނާއި ކަލާފާނުގެ ދެ ކުޅުންތެރިއަކާއި ތާޖުއްދީންގެ ދެ ކުޅުންތެރިއެކެވެ.
ސޯޅަ އަހަރުން ދަށުގެ ފިރިހެން ބައިން ގަދަ އަށަކަށް ހޮވިފައިވަނީ މަޖީދިއްޔާގެ ހަތަރު ކުޅުންތެރިއަކާއި ދަރުމަވަންތައިގެ ހަތަރު ކުޅުންތެރިއެކެވެ. އަންހެން ބައިން ގަދަ އަށަކަށް ހޮވިފައިވަނީ އަމީނިއްޔާގެ ފަސް ކުޅުންތެރިއަކާއި ބިލަބޮންގް ހައި އިންޓަރނޭޝަނަލް ތިން ކުޅުންތެރިއެކެވެ.
ނަވާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ފުރަތަމަ ރައުންޑުގެ މެޗްތައް އަދި ނުނިމެ އެވެ. މިބައިގެ އަންހެން ގަދަ އަށަކަށް ހޮވިފައިވަނީ އަމީނިއްޔާގެ ތިން ކުޅުންތެރިއަކާއި ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލްގެ ތިން ކުޅުންތެރިއަކާއި އަދި ސީއެޗްއެސްސީ ގެ ދެ ކުޅުންތެރިއެކެވެ.
ކެރަމް ހޯލުގައި ކުރިއަށްދާ މި މުބާރާތުގެ މިއަދު ކުރިއަށްދާނީ ސިންގަލްސް އިވެންޓުގެ ކުޅުމެވެ.