މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ އަހުމަދިއްޔާ ކަށަވަރު ކޮށްފި އެވެ.
މިއަދު ހެނދުނު އިމާދުއްދީން ސުކޫލާއި ބައްދަލުކޮށް އަހުމަދިއްޔާ މެޗް ކާމިޔާބު ކުރީ 3-1 ލަނޑުންނެވެ. އަދި މެޗުން ބަލިވި އިމާދުންދީން ވަނީ ކުޅުނު ހުރިހާ މެޗަކުން ބަލިވެ މުބާރާތާ ވަކިވެފަ އެވެ.
ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އިމާދުންދީން ސުކޫލްގެ ނަސްވާން ވަހީދު ލަނޑެއް ކާމިޔާބުކޮށް، މެޗްގެ ލީޑް ނެގިނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އަހުމަދިއްޔާއިން ވަނީ ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އޭގެ ފަހުން މެޗްގެ 43 ވަނަ މިނެޓުގައި އަހުމަދު ހަމީދު އަހުމަދިއްޔާއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު ވަނީ އުންމީދުތައް އާވި އެވެ. އޭނާ ދެލަނޑު ޖެހި އެވެ. އަހުމަދުއްޔާގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނާސިހް އަހުމަދެވެ.
މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ހިމެނޭ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލުމަށް ފަހު ކުޅޭ ގްރޫޕް ސްޓޭޖުން ސެމީ ފައިނަލަށް ދާނީ ދެ ގުރޫޕުގެ އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކެވެ. އެބައިގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން އިމްރާން ގުރޫޕުން އަހުމަދިއްޔާ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރިއރު، ދެ ވަނަ ޖާގަ ކަށަވަރު ވާނީ އަންނަ ބުދަ ދުވަހު ވިލިމާލޭ މުހްޔިއްދީނާ ދެކޮޅަށް މަޖީދިއްޔާ ބައްދަލު ކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މޮޅުވާ ޓީމެއް ސެމީފައިނަލަށް ދަތުރު ކުރާނެ އެވެ.
މުބާރަތުގައި މާދަމާ ކުޅުމަށް ހަމަޖެހިފައި ވަނީ އައްސަދުގެ ގްރޫޕުގައި ވާދަކުރާ ކަލާފާން ސުކޫލާއި އަރަބިއްޔާ ސުކޫލެވެ.