އިބްތިހާލް މައްސަލާގައި ޝުޒާދުގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި

ގދ. ފިޔޯރީ ބީޗްހެވަން އަހުމަދު ޝުޒާދު: އޭނާގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައި --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ވ. ރަކީދޫ ގެއެއްގެ ތެރެއިން ފެނުނު އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި ޖެންޑާ މިނިސްޓްރީގެ ކުރީގެ މުވައްޒަފު ގދ. ފިޔޯރީ ބީޗްވިލާ އަހުމަދު ޝުޒާދުގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި، ގާޒީ އަހުމަދު ޝަކީލް އެގޮތަށް ނިންމެވީ، ޝުޒާދު ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ އެކަމުގެ މައްޗަށް ރިއާޔަތްކުރުމަށްފަހު ކަމަށެވެ.

އެ މައްސަލާގައި ޓްރިބިއުނަލުން ނިންމި ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، އިބްތިހާލު މަރުވި ހާދިސާ ހިނގިއިރު ޝުޒާދު އަދާކުރަންޖެހޭ ޒިންމާތައް އަންގައިދޭ ވަޒީފާގެ ބަޔާނެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެދަފަ ހާލަތްތަކުގައި އަމަލު ކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ނުވާކަމަށްވެސް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ. އެހުކުމުގައި އިބްތިހާލުގެ މައްސަލާގައި ޝުޒާދު އިހުމާލުވެފައިވާ ކަމަށް ބެލެވެން ނެތް ކަމަށްވެސް ވަނީ ކަނޑައަޅާފަ އެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ޝުޒާދަކީ ކޭސް މެނޭޖްމެންޓުގެ މަސައްކަތާގުޅޭ ތަމްރީނު ލިބިފައިނުވާ މީހެއް ކަމަށާއި، އޭނާއާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ތަކަށް އިހުމާލުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ޝުޒާދަށް އޭނާ އަދާކުރަމުންދިޔަ މަގާމާ އެއްފެންވަރުގެ އެހެން ވަޒީފާއެއް ދިނުމަށް ޓްރިބިއުނަލުން ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އަންގާފަ އެވެ.

ޝުޒާދުގެ އިތުރުން އެ މައްސަލާގައި ދައުލަތުން ދައުވާ ކުރާ ވ. ފުލިދޫ، ނަލަހިޔާ، އާމިނަތު ޝިޔާޒާގެ އަޑުއެހުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޝިޔާޒާގެ ފަރާތުންވެސް މީގެކުރިން ވަނީ އެ މައްސަލައަކީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކަނޑައަޅައިދިނުމަށް އެދިފަ އެވެ. ނަމަވެސް ކޯޓުން ނިންމާފައިވަނީ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.

comment ކޮމެންޓް