"ފާރިހާގެ ދަރިފުޅު އޮތީ ދެލޯ ނުކުމެ ލޯކައިރި ކަޅުވެފައި، ކުނިވަސް ދުވާ"

މީގެ ކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމަކަށްފަހު ފާރިހާ އަބްދުއްރަހްމާން ކޯޓުން ނެރެގެން ގެންދަނީ ---- ސަން ފައިލް ފޮޓޯ/ އަހްމަދު އާޒިފް

ބ.ތުޅާދޫގައި ފެންހިންދާ ވަޅުގަނޑަށް ލައި މަރާލާފައި އޮތް ކަމަށް ބުނާ ތުއްތު ކުއްޖާ ފެނުނުއިރު ދެލޯ ނުކުމެ، ލޯކައިރި ކަޅުވެފައިވާއިރު ކުއްޖާގެ ގައިން ކުނިވަސް ދުވާ ކަމަށް ހެކިބަސް ދިން ފުލުސް މީހަކު ބުނެފި އެވެ.

އެމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުއްޖާގެ މަންމަ ބ. ތުޅާދޫ ހުދުއަސުރުމާގޭ، ފާރިހާ އަބްދުއްރަހްމާން ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފަ އެވެ.

އެއީ އިންސާނާގެ ފުރާނައިގެ އަގަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ދައްކުވައިދޭ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި މީހަކު މަރުވުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އާއި ދަރިން ބެލެހެއްޓުމަށް އޮތް ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމުގެ ކުށުގެ ދައުވާއެވެ.

އެ މައްސަލާގައި ހެކިބަސް ދެމުން ކްރައިމް ސީން އޮފިސަރު ވިދާޅުވީ ފާރިހާ ވިހެއި ކުއްޖާ ސިއްހީ މަރުކަޒުގައި އޮއްވާ ފެނުނު ކަމަށާއި، އެކުއްޖާގެ "ދެލޯ ބޭރަށް ނުކުމެ، ދެ ލޯ ކައިރި ކަޅުވެފައި" ވާ ކަމަށެވެ.

ކުއްޖާ ފެނުނު އިރު އޮތީ މަހާވެސް އެކު ކަމަށް ފުލުސް މީހާ ވިދާޅުވި އެވެ. އަދި ކުއްޖާގެ ގައިން ކުނިވަސް ދުވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުއްޖާއަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ކޮށްފައިވާކަން ހަށިގަނޑުން ފާހަގަވާން ނެތް ކަމަށް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

ފާރިހާ ނިދާ ކޮޓަރީގެ ފާހާނާގެ ފެން ހިންދާ ވަޅުގަނޑަށް ކުއްޖާ ލެވޭނެތޯ ދައުލަތުން ސުވާލު ކުރުމުން އޮފިސަރު ވިދާޅުވީ އެ ވަޅުގަނޑަށް ކުއްޖާ ލެވޭނެ ކަމަށާއި އެކަމަކު ލެވޭނީ " ކަކުލާ ހަމައިން ލަނބާލާފައި" ކަމަށެވެ.

ނަމަވެސް ފެންހިންދާ ހޮޅީގެ ތެރެއިން ކުއްޖާ ވަދެގެން ނުދާނެ ކަމަށްވެސް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ފެން ހިންދާ ވަޅުގަނޑުގައި ކުއްޖާ އޮއްވައި ފެނުނު ކަމަށް ފުލުސް މީހާ ވިދާޅެއްނުވެ އެވެ. އޭނާއަށް ފުރަތަމަވެސް ކުއްޖާ ފެނުނީ ސިއްހީ މަރުކަޒުގައި އޮއްވައި ކަމަށް ވިދާޅުވި އެވެ.

ފާރިހާ ގެ ކޮޓަރިއާއި ފާހާނާވެސް އޭނާއަށް ފެނުނު ކަމަށް ވިދާޅުވި އެވެ. އަދި އެތަނަށް ދިޔައިރުވެސް ކޮޓަރިއާއި ފާހާނާ ތެރޭން ކުނިވަސްދުވާ ކަމަށްވެސް އޮފިސަރު ވިދާޅުވި އެވެ.

"ފާހާނާގެ ފެންހިންދާ ވަޅުގެ މަތިގަނޑު އޮތީ ފާހާނާގެ ފްލަޝްޓޭންކުގެ ތެރެއަށް ލާފައި" ކްރައިމް ސީން އޮފިސަރު ވިދާޅުވި އެވެ.

ފާހާނާ ތެރެއިން ލޭ ފެނުނުތޯ ދައުލަތުން ސުވާލު ކުރުމުން އޮފިސަރު ވިދާޅުވީ މޫނު ދޮންނަ ސިންކު އަދި ފާހާނާގެ ފާރުގެ ބިތުން ލޭގެ އަސަރު ފެނިފައިވާ ކަމަށެވެ.

މައްސަލާގައި ތުޅާދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރި ދެ މީހަކުވެސް ވަނީ ހެކިބަސް ދީފަ އެވެ. އެދެމީހުން ބުނެފައިވަނީ ފާރިހާ ވިހެއި ކުއްޖާ ނުދެކޭ ކަމަށާއި، ނަމަވެސް ފާރިހާގެ ކޮޓަރި ތެރޭގައި ކޮތަޅަކަށް ލާ ބާލިދީއަކަށް ލާފައި އޮތް އެއްޗެއް ފެނިފައިވާ ކަމަށެވެ.

އަޑުއެހުން ނިންމާލަމުން ގާޒީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ، މެޑިކޯ ލީގަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު ހާޒިރުކޮށް ހެކިބަސް ނެގުން ކަމަށެވެ.

މީގެކުރިން ބޭއްވި އަޑުއެހުންތަކުގައި ފާރިހާގެ ވަކީލުން ފާހަގަކޮށްފައިވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށެވެ. އަދި އެކަމާ ގުޅޭ ލިޔުންތަކެއްވެސް ވަނީ ހުށަހަޅާފަ އެވެ.

comment ކޮމެންޓް