ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖު ކާމިޔާބުކުރި ފަރާތްތައް ހޮންގްކޮންގްގެ ފެއާއަކަށް

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް 2016 ގެ ތެރެއިން --- ފޮޓޯ/ ހޮޓެލް އޭޝިއާ އެގްޒިބިޝަން

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2016 ކާމިޔާބުކުރި ތިން ޝެފުން، ހޮންގްކޮންގްގައި ބާއްވާ ފުޑް އެންޑް ހޮސްޕިޓެލިޓީ ޓްރޭޑްޝޯ "ހޯފެކްސް 2017"ގައި ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަނަކީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރަންސް ސާވިސް (މެކްސް)އިން އިންތިޒާމުކުރާ ހަރަކާތެކެވެ. އެ މައުރަޒުގެ މެއިން ސްޕޮންސަރަކީ ބެސްޓްބައި މޯލްޑިވްސްއެވެ.

މިދިޔަ އަހަރުގެ ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކާމިޔާބުކުރި ޝެފުންނަކީ ބަނޑޮސް އައިލެންޑް ރިސޯޓުގެ ޝެފް އަހްމަދު ފަތީން، އަދި ހުޅުލޭ އައިލެންޑް ހޮޓެލްގެ ދެ ޝެފުން އިސްމާއިލް ނަސީރާއި އިންދްރާ ކުމާރު ލިމްބޫއެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ޕްރޮޖެކްޓް ޑިރެކްޓަރު އެލެމް ޕާމަރ ވިދާޅުވި ގޮތުގައި، ކަލިނަރީ ޗެލެންޖު ކާމިޔާބުކުރި ތިން ޝެފުން ހޯފެކްސް 2017ގައި ބައިވެރިވުކުވުމަކީ އެފަރާތަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގައި މަސައްކަތްކުރާ ޝެފުން މިފަދަ ހަރަކާތްތަކުގައި ބައިވެރިކުރުވައި، އެމީހުންނަށް ކުރިއެރުން ލިބޭނެ ފުރުސަތުތައް ފަހިކޮށްދިނުން،" އޭނާ ވިދާޅުވިއެވެ.

ހޯފެކްސްއަކީ ހޮންގްކޮންގްގައި ކޮންމެ އަހަރަކު ދެ ފަހަރު ބާއްވާ ފުޑް އެންޑް ހޮސްޕިޓެލިޓީ ޓްރޭޑްޝޯއެވެ. ދެން އެންމެ އަވަހަށް ހޯފެކްސް ފެއާ އޮންނާނީ މެއި މަހުގެ އަށަކުން 11 އަށް، ހޮންގްކޮންގް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ.

comment ކޮމެންޓް