މަގާމުން ދުރުކޮށްފައިވާ ދެކުނު ކޮރެޔާގެ ރައީސާ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފި

އަޒުލުކޮށްފައިވާ ރައީސާ ޕާކް ގެއުން ހައި

ސޯލް (މާޗް 21) : ކޮރަޕްޝަނާއި ނާޒާއިޒުގޮތުގައި މަގާމުގެ ބޭނުންކުރުމުގެ ތުހުމަތުގައި މަގާމުން ދުރުކޮށްފައިވާ ދެކުނު ކޮރެޔާގެ ރައީސާ ޕާކް ގެއުން ހައި، އެގައުމުގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފިއެވެ.

މިމައްސަލައިގެ ތަހްގީގްތަކަށް ޕާކް ގެއުން ހައި، ދެކުނު ކޮރެޔާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިއަދު ޙާޒިރު ވެ ވަޑައިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ ތަހްގީގްތަކަށް ބޭނުންވާ އެއްބާރުލެއްވުން ދައުލަތަށް ދެއްވާނެ ކަމަށާ އެކަމަނާގެ ރައީސް ކަމުގައި ގޯސްކޮށް ކުރެވިފައިވާ ކަންކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

"ދައުލަތުން ކުރާ ސުވާލުތަކަށް ކިޔަމަންތެރިކަމާއެކު އަހަރެން ޖަވާބު ދޭނަން، އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ގޯސްކޮށް ކުރެވިފައިވާ ކަންކަމަށް ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން" ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުރިމަތީގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ޕާކް ގެއުން ހައި ވިދާޅުވިއެވެ.

ޕާކް، ރައީސް ކަމުގައި ހުންނެވި ދުވަސްވަރު

ޕާކް ގެއުން ހައި ގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި އެކަމަނާގެ އަންހެން ރަހްމަތްތެރިއެއް ކަމަށްވާ ޗޮއި ސޫން ސިލް، ބޭނުންވާގޮތަށް ސަރުކާރު ހިންގެވުމާއި އަންހެން ރަހްމަތްތެރިޔާ އަށް ބޭނުންވާ ގިނައަދަދެއްގެ ފައިސާ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާ ގުޅުއްވައިގެން ނަހަމަގޮތުގައި ހޯއްދެވުމާއި ސަރުކާރާއި ދައުލަތުގެ ސިއްރުތައް އަންހެން ރަހްމަތްތެރިޔާއާ ހިއްސާ ކުރެއްވުން ހިމެނެއެވެ.

ޕާކް، ދެކުނު ކޮރެޔާގެ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު އެކަމަނާގެ އަންހެން ރަހްމަތްތެރިޔާވަނީ އެގައުމުގެ ސަރުކާރާއި ދައުލަތުގެ ކުންފުނިތަކަށާއި މުއައްސަސާތަކަށާއި ވުޒާރާތަކަށް ވަރަށް ބޮޑަށް ބާރާއި ނުފޫޒު ހިންގާފައެވެ. މިކަންކުރީ ސަރުކާރާއި ދައުލަތުގެ ކަންކަމުގެ ތެރެއަށް ވަނުމުގެ ފުރްސަތު ރައީސާ ޕާކް އެކަމަނާގެ އަންހެން ރަހްމަތްތެރިޔާއަށް ދެއްވުމުންނެވެ.

ޕާކް އާއި އެކަމަނާގެ އަންހެން ރަހްމަތްތެރިޔާ އާ ދެމެދު އޮންނަނީ ވަރަށް އިތުބާރުބޮޑު އަޑިނޭންގޭ ގުޅުންތަކެއްކަމަށް ވެއެވެ. މީގުޅުންތަކުގެތެރެއިން ދެ ރަހްމަތްތެރިން ގުޅިގެން ވިޔަފާރިވެސް ހިންގާކަމަށްވެއެވެ. މިމައްސަލަތައް މާބޮޑުވުމާ ގުޅިގެން ދެކުނު ކޮރެޔާގެ ރައްޔިތުން މިދިޔައަހަރު މަގުތަކަށް ނުކުމެ ރައީސާ ދެކޮޅަށް ވަރުގަދަ އިހްތިޖާޖްތަކެއް ކުރުމުން ދެކުނު ކޮރެޔާގެ ޕާލަމެންޓުން އެންމެފުރަތަމަ ރައީސާ ޕާކް ގެއުންހައި، މަގާމުން ދުރުނުކޮށް މަގާމުގެ މަސްއޫލިއްޔަތުން އެއްފަރާތްކޮށް މިމައްސަލަތައް ޕާލަމެންޓުން ތަހްގީގް ކުރީއެވެ.

އެ ތަހްގީގްތަކުން ރައީސާ އެކަމަނާގެ އަންހެން ރަހްމަތްތެރިޔާއަށްޓަކައި ބޮޑެތި ގޯސްތަކެއް ހައްދަވައި ގާނޫނުތަކާ ޚިލާފުވެވަޑައިގެންފައިވާކަން ކޯޓަށް ސާބިތު ކުރެވޭވަރަށް ހެކި ހުރިކަން ކަށަވަރުވުމުން ދާދިފަހުން ޕާލަމެންޓުންވަނީ އެކަމަނާ ރައީސް ކަމުން ދުރުކޮށް އަޒުލުކޮށް (އިންޕީޗް) ކޮށްފައެވެ. މިއާއެކު ރައީސް ކަމުގައި ހުންނެވިއިރު ޕާކް އަށް ލިބިވަޑައިގެންނެވި ގާނޫނީ ހިމާޔަތްތައް އެކަމަނާއަށް ގެއްލި ވަޑައިގަތުމުން އެކަމަނާގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގުމުގެ ފުރްސަތު ދެކުނުކޮރެޔާގެ ދައުލަތަށްވަނީ ލިބިފައެވެ.

ޕާކް ގެ އަންހެން ރަހްމަތްތެރިޔާ ޗޮއި ސޫން ސިލް

ދެކުނު ކޮރެޔާގެ ރައީސްކަމަށް ޕާކް ގެއުން ހައި އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއެކުގައެވެ. ނަމަވެސް ވެރިކަމުގައި ހުންނެވި ދުވަސްވަރު އެޅުއްވި "ޅަ އެއްޗެހިތަކެއްގެ" ސަބަބުން ޕާކްގެ މަގާމާއި ސިޔާސީ ހަޔާތް ގެއްލި މިއަދު އެކަމަނާ ވަނީ ވަރުގަދަ ޖިނާއީ ތަހްގީގްތަކަކަށް ހުށަހެޅިފައެވެ. މިތަހްގީގްތަކުން ޕާކްގެ މައްޗަށް ޚިޔާނާތާއި ކޮރަޕްޝަންގެ މައްސަލަ ސާބިތުވެއްޖެނަމަ އެތަށް އަހަރެއްގެ ޖަލު ހުކުމެއް އެކަމަނާގެ މައްޗަށް އަންނާނެއެވެ.

ޕާކްގެ އަންހެން ރަހްމަތްތެރިޔާ ޗޮއި ސޫން ސިލްގެ މައްޗަށް ދައުލަތުންވަނީ ދެކުނު ކޮރެޔާގެ ދައުލަތާއި ސަރުކާރުގެ ކަންކަމުގެ ތެރެއަށް ވަދެގަނެ ބާރާއި ނުފޫޒު ފޯރުވައިިގެން ކަންކަން ކުރުމުގެ ތުހުމަތުކޮށްފައެވެ. މިއާއެކު ދެކުނު ކޮރެޔާގެ ފުލުހުންވަނީ ޗޮއި ހައްޔަރުކޮށްފައެވެ. ޗޮއި އަކީ ރައީސާ ޕާކްގެ ވަރަށް ޒަމާންވީ އަދި ވަރަށް އިތުބާރުކުރާ ރަހްމަތްތެރިއެއް ކަމަށްވެއެވެ.

ޗޮއި ގެ މަޅީގައި ދެކުނު ކޮރެޔާގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ސެމްސަންގްވެސް ވަނީ ޖެހިފައިވެއެވެ. މިމައްސަލާގައި ސެމްސަންގެ ވެރިޔާ ވެސް ވަނީ ހައްޔަރުކޮށްފައެވެ. (ޖާމަން ޕްރެސް އެޖެންސީ "ޑީޕީއޭ")

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު