ރައީސް ޓްރަމްޕް ވަރަށް އަވަހަށް އިސްތިއުފާދެއްވާނެ: ޑިމޮކްރެޓިކް ސެނެޓަރު

ޑިމޮކްރެޓިކް ޕާޓީގެ އިސް ސެނެޓަރެއް ކަމަށްވާ ޑައާން ފައިންސްޓައިން ވަނީ ރައީސް ޓްރަމްޕް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މާޗް 21): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް އަވަހަށް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ސަރުކާރާ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް ސެނެޓަރަކު ވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރެއް ކަމަށްވާ ޑައާން ފައިންސްޓައިން އެފަދައިން ވިދާޅުވީ ރައީސް ޓްރަމްޕް މަގާމުން ދުރުކުރުމަށް ކޮންގްރެސް އިން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާތީ، އެކަމާ ބެހޭ ގޮތުން ޓްރަމްޕާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކުން ކުރި ސުވާލަކާ ގުޅިގެންނެވެ.

ފައިންސްޓައިން ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ވިޔަފާރީގެ މަސްލަހަތަށް ފުށޫ އަރާ ފަދަ މައްސަލަތަކެއް ވަރަށް ގިނަ ބަޔަކު ދަނީ ބަލަމުންނެވެ. އެގޮތުން ޓްރަމްޕްގެ ދެ ދަރިކަލުން ދާދި ފަހުން ދުބާއީ އަށް ކުރެއްވި ވިޔަފާރި ދަތުރަށް ހަރަދުކޮށްފައި ވަނީ ސަރުކާރުން ކަމަށާއި އެއީ ހުއްދަ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޓްރަމްޕް ވެރިކަމުން ދުރުކުރެވޭ ފަދަ ކަމެއް އޭނާ ކުރައްވައިފިތޯ ސުވާލު ކުރުމުން ސެނެޓަރު ވަނީ އެސުވާލަށް ޖަވާބުދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ. އަދި ޑިމޮކްރަޓިކް ޕާޓީން މިހާރު ދަނީ މަސްލަހަތަށް ފުށޫ އެރުމާ ގުޅުން ހުރި މައްސަލަތަކާ ބެހޭ ބިލެއް ހަދަމުން ކަމަށް ވިދާޅުވެފަ އެވެ.

ފައިންސްޓައިންގެ ކުރިން އެހެން އިސް ފަރާތްތަކުން ވެސް ވަނީ ޓްރަމްޕް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ނުވަތަ އޭނާ މަގާމުން ދުރުކުރާނެ ކަމަށް ލަފާކޮށްފަ އެވެ. އެގޮތުން 1984ގެ ފަހުން އެމެރިކާގައި ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގެ ނަތީޖާ ރަނގަޅަށް ލަފާކޮށްފައިވާ އަލަން ލިޗްމަން ވަނީ ރައީސް ޓްރަމްޕް މަގާމުން ދުރުކުރާނެ ކަމަށް ލަފާކޮށްފަ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް