އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ އިޝްފާން މުހައްމަދު ވިދާޅުވީ، މާދަމާ ފެށުމަށް ހަމަޖެހިފައިވާ މުބާރާތް ފަސްކުރުމަށް އެކްސްކޯއިން ނިންމާފައިވާކަމަށާއި އެކަން ސްކޫލުތަކަށް އެންގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މާދަމާ މުބާރަތް ފަށާތީ މުބާރާތުގައި ބައިވެރިވާ، އަތޮޅުތެރޭގެ ގިނަ ސްކޫލުތަކުން މާލެ އައިސްފައިވާއިރު އިޝްފާން ވިދާޅުވީ، އެ ދަރިވަރުންނަށް ދެން ހަމަޖައްސައިދެވޭނީ ކޮން ގޮތެއްތޯ ޔޫތު މިނިސްޓްރީއާ އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާ ކުރާނެ ކަމަށެވެ.

" މާދަން މުބާރާތް ފަށާތީ މިވަގުތު 7 ރަށެއްގެ ސްކޫލު ޓީމުތައް މާލެ އައިސް މިވަނީ، ދެން ބަލަމުން މިދަނީ އެ ދަރިވަރުންނަށް ކޮން ކަންތައްތަކެއްތޯ ަަހަމަޖައްސައިދެވޭނީ މުބާރާތް ލަސްވުމާއި ގުޅިގެން،" އިޝްފާން ވިދާޅުވިއެވެ.

އިޝްފާން ވިދާޅުވީ، މިހާރު ފެތުރެމުންދާ އިންފްލުއެންޒާއާ ގުޅިގެން އެކުވެނީގައި ހުންނަ ބެޑްމިންޓަން ކޯޓު ވެސް ހާލަތު ރަނަގަޅު ވަންދެން ބަންދު ކުރުމަށް ނިންމާފައިވާކަމަށެވެ.

މިއަހަރުގެ އިންޓަރ ސްކޫލު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުގައި ޖުމުލަ 17 ސްކޫލަކުން 43 ޓީމް ވަނީ ބައިވެރިވެފައެވެ. އަދި މީގެެ ތެރެއިން 20 ޓީމަކީ އަތޮޅުތެރެއަށް ނިސްބަތްވާ ޓީމުތަކެވެ.