ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް:
ރެޑްލައިން އަތުން މޮޅުވެ ތާވަލްގެ ދެ ވަނައަށް ޖޭޖޭ ޖެހިލައިފި

މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިއްޔެ ރެޑްލައިން އަތުން މޮޅުވެ ތާވަލްގެ ދެ ވަނައަށް ޖޭޖޭ ސްޕޯޓްސް ކުލަބް ޖެހިލައިފި އެވެ.

ޓާފް ދަނޑުގައި އިއްޔެ ކުޅުނު މެޗް 5-1 ލަނޑުން ޖޭޖޭ ކާމިޔާބު ކުރިއިރު، މެޗްގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ލަނޑު ޖަހައި ޖޭޖޭ އަށް ލީޑް ނަގައި ދިނީ މުހައްމަދު ރަޝީދެވެ. އަދި އޭނާވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް ޖޭޖޭ އަށް ހިތްހަމަޖެހުން ގެނެސްދީފަ އެވެ.

ޖޭޖޭއިން ތިން ވަނަ ލަނޑު 63 ވަނަ މިނެޓުގައި އަރުގަމް އާދަމް ކާމިޔާބު ކޮށްދިން އިރު، ޖޭޖޭގެ ފަހު ދެލަނޑު ޖަހައި އަރުޣަމް ވަނީ ހެޓްރިކްވެސް ހަދައިފަ އެވެ.

މެޗްގައި ރެޑްލައިނުންޖެހި އެޓީމްގެ ހަމައެކަނި ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، އިބްރާހިމް ހުސައިނެވެ.

ދެވަނަ ބުރުގައި ޖުމްލަ ހަޓީމް ވާދަކުރާ އިރު، އިއްޔެގެ މެޗުން މޮޅުވެ ފަސް ޕޮއިންޓާއެކު ތާވަލްގެ ދެވަނަ މަޤާމް ޖޭޖޭއަށް ލިބުނު އިރު، ހަ ޕޮއިްނޓާއެކު ތާވަގެ އެއްވަނާގައި އޮތީ ހުއްރިޔާ އެވެ. ހަތަރު ޕޮއިންޓާ އެކު ތާވަލްގެ ތިން ވަނާގައި ޔުނައިޓެޑް ވިކްޓަރީ އޮތް އިރު، ތާވަލްގެ ހަތަރު ވަނާގައި ރިވާސައިޑެވެ. އެއީ ޖުމްލަ ތިން ޕޮއިންޓާއެކު އެވެ.
ދެވަނަ ބުރުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭ މިމުބާރާތުގެ ތާވަލްގެ ފުލުގައި މިހާރު އޮތް ޓީމްތަކަށް ބަލާ އިރު، އެއް ޕޮއިންޓާ އެކު ކުލަބް މެކާނޯ އުޅޭ އިރު، އެއްވެސް ޕޮއިންޓެއް ކާމިޔާބު ނުކުރެވި އެންމެ ފުލުގައި އޮތީ ކުލަބް ރެޑްލައިނެވެ.

މިމުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ އާއި ރިވާސައިޑެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު