މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް

މީރާ --- ސަން ފޮޓޯ/ އަލީ ނަސީރު

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހުގެ ތެރޭގައި އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ އިން ބުނި ގޮތުގައި، އެ އަދަދަކީ މިދިޔަ މަހު ލިބޭނެ ކަމަށް އެ އޮތޯރިޓީން ލަފާކުރި އަދަދަށްވުރެ 15.2 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް މި އަދަދަކީ ފެބްރުއަރީ މަހުގެ އާމްދަނީ ގޮތުގައި ލިބިފައިވާ އަދަދަށްވުރެ ދަށް އަދަދެކެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އާމްދަނީ ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ވެސް އެންމެ ބޮޑު އާމްދަނީ އެއް ލިބުނު އަހަރެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އިތުރުވީ، އިކުއިޒިޝަން ކޮސްޓާއި ކޮންވާޝަން ފީ ގެ އިތުރުން ލީސް ޕީރިއަށް އެކްސްޓެންޝަން ފީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބުމުން ކަމަށް މީރާ އިން ބުނެއެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާ އިންނެވެ.

ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 628 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އިން ދައުލަތާށް 137 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 64 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއާޕޯޓްސް ސާވިސް ޗާޖުގެ ގޮތުގައި 45 މިލިއަން ރުފިޔާ ލިބުނެވެ.

އޭގެ އިތުރުން، ލޭންޑް އެކުއިޒިޝަންއާއި ކޮންވާޝަން ފީގެ ގޮތުގައި 24 މިލިއަން ރުފިޔާ އާއި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 94 މިލިއަން ރުފިޔާގެ އާމްދަނީއެއް މީރާއަށް ވަނީ ލިބިފައެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

comment ކޮމެންޓް