ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު މުހައްމަދު ރާމިޒާއި ޑީއާރްޕީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި އަހުމަދު މުހައްމަދު )އަންޑޭ( ޑީއާރްޕީގެ ހުސްވެފައިވާ ދެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ބަންގްލަދޭޝްގެ ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ ޗިޓަގޮންގް )ޔޫއެސްޓީސީ( ގެ ގްރެޖުއޭޝަންގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ބަންގްލަދޭޝް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަ ރާއްޖެ ވަޑައިގެން، ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މައުމޫން މިއަދު ވިދާޅުވީ ޕާޓީގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމު ހުސްވެއްޖެނަމަ އެ މަގާމަށް އެހެން ބޭފުޅަކު އައްޔަން ކުރަންޖެހޭނީ ޕާޓީގެ ގައުމީ ޖަލްސާއިން ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގައި ޑެޕިއުޓީ ލީޑަރަކު އަންޔަންކުރެވޭނެ އުސޫލުތައް ބަޔާންކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިމިޔަ މަހުގެ 24 ގައި އިލެކްޝަން ކޮމިޝަންގައި ދަފުތަރު ކުރި ޑީއާރްޕީގެ އަސާސީ ގަވާއިދުގެ 87 ވަނަ މާއްދާގައި ބުނެފައި ވަނީ "ޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ތިބޭ މީހުންގެ ތެރެއިން މީހަކު، އެމީހެއްގެ މަގާމުގެ މުއްދަތު ހަމަނުވަނީސް، އެއްވެސް ސަބަބަކާހުރެ އެ މަގާމު ހުސްވެއްޖެނަމަ، އެ ގަމާގާމަށް މީހަކު އިންތިހާބު ކުރަންވާނެ ކަމަށެވެ. މިގޮތުން މީހަކު އިންތިހާބު ކުރަންވާނީ، ޕާޓީގެ ގައުމީ ޖަލްސާއަކުން ކަމަށް ބުނެފައިވެ އެވެ.
މައުމޫން ވިދާޅުވީ ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުންގެ މަގާމު އެއްފަހަރާ ހުސްވެއްޖެ ހާލަތެއްގައި އެ މަގާމުތަކަށް އެހެން ބަޔަކު ކައުންސިލުން އައްޔަން ކުރެވިދާނެ ކަމަށެވެ. ނަމަވެސް ޕާޓީގެ ހުސްވެފައިވާ ދެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ރާމިޒާއި އަންޑޭ އައްޔަންކޮށްފައިވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭގަ )އަސާސީ ގަވާއިދުގައި( އޮންނަނީ ލީޑަރާއި ޑެޕިއުޓީ ލީޑަރުން އެއްފަހަރާ، އެ ބޭފުޅުންގެ މަގާމު ހުސްވެއްޖެއްޔާ ކައުންސިލުން ކޮންމެވެސް ބޭފުޅުންކޮޅެއް އެ ކަމަށް އިހްތިޔާރު ކުރާ ވާހަކަ،" ސަން އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫން މިއަދު ވިދާޅުވި އެވެ.
ޑީއާރްޕީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގެ )ހ( ބުނެފައި ވަނީ ލީޑަރާއި ޑެޕިއުޓީ ލީޑަރުންގެ މަގާމު އެއްފަހަރާ ހުސްވެއްޖެނަމަ، ކައުންސިލުން ލީޑަރުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރާނެ މީހަކު ހަމަޖެހެއްދެން، އެ މަގާމުގެ ވާޖިބުތައް އަދާކުރާނީ ޕާޓީގެ އަމީން އާންމު ކަމަށެވެ. އަދި އެ މާއްދާގެ )ށ( ގައި ބުނެފައި އެ މަގާމުތައް ހުސްވާތާ 72 ގަޑި އިރުގެ ތެރޭގައި ކައުންސިލުން ޖަލްސާއެއް ބާއްވައި، ޕާޓީގެ ލީޑަރެއްގެ މައްސޫލިއްޔަތު އަދާކުރާނެ މީހަކު ކައުންސިލުން އިންތިހާބު ކުރަންވާނެ ކަމަށެވެ. އަދި 88 ވަނަ މާއްދާގެ )ނ( ގައި ބުނެފައި ވަނީ ޕާޓީގެ ލީޑަރުގެ މަގާމާއި ޑެޕިއުޓީ ލީޑަރުގެ މަގާމު އެއްފަހަރާ ހުސްވާތާ 60 ދުވަހުގެ ތެރޭގައި ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައި އެ މަގާމުތަކަށް މީހުން އިންތިހާބު ކުރަންވާނެ ކަމަށެވެ.
ނަމަވެސް ޑީއާރްޕީގެ އަސާސީ ގަވާއިދުގެ "އެހެނިހެން" ކަންތައްތަކެއް ބަޔާކޮށްފައިވާ ޗެޕްޓާގެ 122 ވަނަ މާއްދާގެ )ނ( ގައި ބުނެފައި ވަނީ އިންތިހާބު ކުރެވޭ މަގާމެއް އެއްވެސް ސަބަބަކާހުރެ ހުސްވެއްޖެނަމަ އެގަމާމެއް ހުސްވާ ދުވަހުން ދެށިގެން، ދެން އެންމެ އަވަހަށް ބާއްވާ ގައުމީ ޖަލްސާއަކުން އެގަމާމަށް މެންބަރަކު އިންތިހާބުކުރެއްވެންދެން، އެ މަގާމު ފުރުމަށް މެންބަރަކު ކަނޑައެޅުމުގެ އިންތިޔާރު ޕާޓީގެ ކައުންސިލަށް ލިބިގެންވާ ކަމަށެވެ. ރާމިޒާއިން އަންޑޭ އައްޔަންކުރީ އެ މާއްދާގެ ދަށުން ކަމަށް ޑީއާރްޕީން ބުނެ އެވެ.
މައުމޫން އިތުރަށް ވިދާޅުވީ ޕާޓީގެ އެތެރޭގެ ކޯޅުންތައް ހައްލު ކުރުމަށްޓަކައި ކައުންސިލަރުން އިސްނަގައިގެން ފަށާފައިވާ ދެ ފަރާތުގެ މަޝްވަރާތަކުން ކުރިއެރުމެއް ލިބެން ބޭނުންވާ ކަމަށާއި ކުރިއެރުމެއް ލިބެންޖެހޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ބޭފުޅަކާ ބެހޭ ގޮތުން ޒާތީ ގޮތުން އެއްވެސް ވާހަކަފުޅެއް ދައްކަވާފައި ނުވާނެ ކަމަށާއި އެއީ އެމަނިކުފާނުގެ "އުސޫލެއް ނޫން" ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން އަސާސީ ގަވާއިދާ ހިލާފަށް އަމަލްކޮށްފަ އޮތިއްޔާ އެކަން ބަޔާން ކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"އެކިއެކި އުސޫލްތަކާ ބެހޭ ގޮތުން ހިޔާލު ތަފާތުވަންޏާ އެވާހަކަ އަޅުގަނޑު އޮންނާނީ ބުނެފަ. އެއްވެސް ފަރާތަކުން އަސާސީ ގަވާއިދާ ހިލާފަށް އަމަލްކޮށްފަ އޮތިއްޔާ އެކަން އަޅުގަނޑު ބަޔާން ކުރާނެ. އޭގެ މާނައަކީ ޒާތީ ގޮތުން ޖައްސާލީއަކީއޭ ނޫން،" ތަސްމީން އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ އެތެރޭގައި ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވި އެވެ.