ޑެންގޫ ހުމުން ރައްޔިތުން ސަލާމަތްކުރަން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނަން: ރައީސް ނަޝީދު

ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަކަށް ފެތުރެމުންދާ ޑެންގޫ ހުމުން ރައްޔިތުން ސަލާމަތް ކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ރައީސް ނަޝީދު ވިދާޅުވީ، ޑެންގޫ ހުން ވަރަށް ބާރަށް ރާއްޖޭގައި ފެތުރެމުންދާތީ، މަދިރި ކޯންޓްރޯލް ކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގުމަށް އެކުލަވާލާފައިވާ ގައުމީ ޓާސްކްފޯހުގެ މަސައްކަތްތައް ހިނގަމުންދާނީ، ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.

"ޑެންގޫ ހުން ފެތުރުނަ ނުދިނުމަށާއި އަދި އެކަމުން މުޅި ރާއްޖޭގެ ކުޑަކުދިންނާއި އެންމެހާ ރައްޔިތުން ސަލާމަތް ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ ކަމުގެ ފުރިހަމަ ޔަގީންކަން، މިފުރުސަތުގައި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ޓާސްކްފޯހުން ޑެންގީ ހުމުގެ ނުރައްކާތެރިކަން އާންމުންނަށް އޮޅުންފިލުވައި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެކި ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި އަދި އެބަލިން ރައްކާތެރިވުމަށް ސަރުކާރުގެ ކަމާބެހޭ ދާއިރާތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެތެރޭގައި، އާންމު ސާފުތާހިރުކަން ބެލެހެއްޓުމާއި، ޑެންގީ ހުން ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވާތީ، ކުޑަކުދިންނަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އެޅުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މާދަމާއަކީ ރާއްޖޭގެ ޝަހީދުންގެ ދުވަސްކަމަށްވުމާއެކު ދުވަހުގެ ބަތަލު އަލި ރަސްގެފާނުގެ މަތިވެރި ޖިހާދުގެ މައްޗަށް އެމަނިކުފާނު މިއަދުގެ ރޭޑިއޯ ހިތާބުގައި ވާހަކަފުޅުދެއްކެވި އެވެ. އެގޮތުން، އަލި ރަސްގެފާނު ވެވަޑައިގެންނެވި މަތިވެރި ގުރްބާނީގެ ހަނދާންތަކަކީ، ދިވެހި ފަސްގަނޑުން ދުވަހަކުވެސް ފުހެވިގެންދާނެ ހަނދާންތަކެއް ނޫންކަމުގައި ވިދާޅުވި އެވެ. އަދި، ދީނާއި ގއުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި ހުރިހާ އަބްޠާލުންގެ ޒިކުރާ އާކުރުމަށް މުނާސަބަތުގައި، އެމަނިކުފާނު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު