ރެއިންބޯގެ އޯޝަންފްރަންޓް ރެޒިޑެންސް އަމަލީ މަސައްކަތް މި މަހު

ރެއިންބޯ ކޮންސްޓްރަކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރެއިންބޯ ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އަޅާ "އޯޝަން ފްރަންޓް ރެޒިޑެންސް" އެޕާޓްމެންޓްސްގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އޯޝަންފްރަންޓް ރެޒިޑެންސް މަޝްރޫއު އިފްތިތާހުކޮށް، އެތަނުގެ ފްލެޓުތައް ގަތުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ރެއިންބޯ ކުންފުނީގެ ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގު ވިދާޅުވި ގޮތުގައި، އޯޝަން ފްރަންޓް ރެޒިޑެންސްގެ 145 ފްލެޓުގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސަންޓު ފްލެޓު މިހާރު ވަނީ ވިކިފައެވެ.

އޯޝަންފްރަންޓް ރެޒިޑެންސްގެ ކުރެހުމެއް --

"އަޅުގަނޑުމެން އެކްސްޕެކްޓުކުރި ވަރަށް ވުރެ ރަނގަޅަށް އެކަން ދިޔައީ،" މާޒިން ވިދާޅުވިއެވެ.

ރެއިންބޯއިން ބުނާ ގޮތުގައި މިދިޔަ ދެ މަހުގެ ތެރޭގައި ވަނީ، އޯޝަންފްރަންޓް ރެޒިޑެންސް އެޅުމުގައި މަސައްކަތް ކުރާ މީހުން ތިބޭނެ ތަންތަން ގާއިމުކޮށް، މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ސައިޓަށް ގެންދަން ފަށާފައެވެ.

"މިހާރު ޓަވަރ ކްރޭނު ހަރުކުރުމާއި ފެންސް ޖެހުމުގެ ކަންކަން ކުރިޔަށް ދަނީ. މިދިޔަ ހަފްތާގައި ޑީވޯޓަރިން ހުއްދައާ ތަކެތި ވަނީ ލިބިފައި،" ރެއިންބޯ ކޮންސްޓްރަކްޝަނުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތް ފެށުމަށްޓަކައި ވަންޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށާއި، ކުރިޔަށް އޮތް ހަފްތާ ތެރޭގައި އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

އޯޝަންފްރަންޓް ރެޒިޑެންސްގެ ޓެރަހުގެ ކުރެހުމެއް --

އޯޝަންފްރަންޓް ރެސިޑެންސް ހުންނާނީ ދެ ޓަވަރަކަށް ވާ ގޮތަށެވެ.

ޓަވަރު އޭ

  • ތިން ކޮޓަރީގެ 12 އެޕާޓްމެންޓު
  • ދެ ކޮޓަރީގެ 30 އެޕާޓްމެންޓު
  • އެއް ކޮޓަރީގެ ހަ އެޕާޓްމެންޓު
  • ނުވަ ޕެންޓްހައުސް
  • ޓެރަހުގައި އިންފިނިޓީ ޕޫލެއް (ދެ ޓަވަރު ދޭތެރެއަށް ވާ ގޮތަށް)
  • ފުލީ އިކުއިޕްޑް ޖިމެއް
  • ފުލީ އިކުއިޕްޑް ކިޑްސް ކްލަބެއް
  • ބޭސްމެންޓްގައި ވެހިކަލް ޕާކު ކުރެވޭނެ އިންތިޒާމު
  • ކޮންމެ ފްލޯއަކަށް ގާބޭޓް ޗޫޓް އެކްސެސް

ޓަވަރު ބީ

  • ތިން ކޮޓަރީގެ 55 އެޕާޓްމެންޓު
  • ދެ ކޮޓަރީގެ 33 އެޕާޓްމެންޓު
  • ޓެރަހުގައި އިންފިނިޓީ ޕޫލެއް
  • ފުލީ އިކުއިޕްޑް ޖިމެއް
  • ފުލީ އިކުއިޕްޑް ކިޑްސް ކްލަބެއް
  • ބޭސްމެންޓްގައި ވެހިކަލް ޕާކު ކުރެވޭނެ އިންތިޒާމު
  • ކޮންމެ ފްލޯއަކަށް ގާބޭޓް ޗޫޓް އެކްސެސް

ރެއިންބޯއިން އިއްޔެ ވަނީ އިންޑިއާގެ ކުންފުންޏަކާ ގުޅިގެން "ރެއިންކްރެސްޓް ރެޒިޑެންސް"ގެ ނަމުގައި 136 ފްލެޓު އެޅުމުގެ މަޝްރޫއެއް އިއުލާންކޮށް، ފްލެޓު ވިއްކަން ފަށައިފައެވެ.

comment ކޮމެންޓް