މޫސަލް (މާޗް 7): އިރާގުގެ މޫސަލްއިން އިސްލާމިކް ސްޓޭޓް (އައިއެސް) ފޮނުވާލުމަަށް އެގައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ ހަނގުރާމައިގެ ތެރެއިން މޫސަލްގައި ހުންނަ ސަރުކާރުގެ އޮފީސްތައް ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފި އެވެ.
ރޭގެ ވަގުތެއްގައި އިރާގުގެ އަސްކަރީ ފައުޖުތަކުން ދިން ހަމަލާތަކުގައި ހިފި ގިނަ އިމާރާތްތައް ވަނީ ހަލާކުވެފައި ނަމަވެސް އެއީ ރަމްޒީ ގޮތުން ބޮޑު ކާމިޔާބީއެއް ކަމަށާއި އޭގެ ސަބަބުން މޫސަލްގެ ހުޅަނގު ފަރާތް ހިފުމަށް އަސްކަރިއްޔާ އިން ކުރަމުންދާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.
ސަރުކާރު އޮފީސްތަކުގެ އިތުރުން އިރާގު ސިފައިން އިއްޔެ ހިފި ތަންތަނުގެ ތެރޭގައި އެގައުމުގެ މަރުކަޒީ ބޭންކުގެ މައި ގޮފިވެސް ހިމެނެ އެވެ. ދެހާސްސާދަ ވަނަ އަހަރު އައިއެސްއިން މޫސަލް ހިފި އިރު އެޖަމާއަތުން ވަނީ އެބޭންކު ލޫޓުވާފަ އެވެ.
މިދިޔަ މަހު އިރާގު އަސްކަރިއްޔާ އިން ވަނީ މޫސަލްގެ އިރުމަތީ ސަރަހައްދު ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ނަމަވެސް އެސިޓީގެ ހުޅަނގަކީ އިރުމައްޗާ އަޅާ ބަލާއިރު ގިނަ ބަޔަކު ދިރިއުޅޭ އަދި އައިއެސްއަށް ތާއިދު ކުރާ ޑިސްޓްރިކްޓުތައް ގިނަ ސަރަހައްދެއްކަމުން މޫސަލްގެ ހުޅަނގުން އައިއެސް ފޮނުވާލުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)