އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުން އިރާގު އުނިކޮށްފި

ޖެނުއަރީ 20، 2017: އެމެރިކާގެ 45 ވަނަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމީ ދަރުބާރުގެ ތެރެއިން -- ފޮޓޯ/ އޭޕީ

މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އިސްލާމީ ގައުމުތަކުގެ ތެރެއިން ބައެއް ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ އަމުރު އިސްލާހުކޮށް، އާ އަމުރެއްގައި ސޮއިކުރައްވައިފިއެވެ.

މިފަހަރުގެ އަމުރުގައި ހިމެނޭ އެންމެ ބޮޑު ތަފާތަކީ، މީގެ ކުރީގެ އަމުރުގައި ހިމެނުނު ހަތް ގައުމުގެ ތެރެއިން އެއް ގައުމު އުނިކުރުމެވެ.

މީގެ ކުރިން ޓްރަމްޕް ނެރުއްވި އަމުރުގައި މަނާކޮށްފައިވަނީ އިރާގް، ސީރިއާ، ލީބިއާ، ޔަމަނު، އީރާން، ސޫދާން އަދި ސޯމާލިއާގެ ރައްޔިތުން އެމެރިކާއަށް ވަނުމެވެ.

ނަމަވެސް މިއަދު ސޮއިކުރެއްވި އާ އަމުރުގައި އިރާގު ވަނީ އުނިކުރައްވައިފައެވެ.

ވައިޓްހައުސްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ލިސްޓުން އިރާގު އުނިކުރީ، އައިއެސް ޖަމާއަތާ ދެކޮޅަށް އެމެރިކާ ކުރަމުން އަންނަ މަސައްކަތްތައް ކުރުމަށް ހުރަސްތަކަކާ ކުރިމަތިވުމުންނެވެ.

އެމެރިކާގެ ފުރަތަމަ އަމުރާ އެކު މަނާވި ބައެއް ގައުމުތަކުން ވަނީ އެގައުމުތަކަށް އެމެރިކާ މީހުންވެސް ވަނުން މަނާކޮށްފައެވެ. އެގޮތުން އިރާނުން އެމެރިކާ މީހުން ވަނުން މަނާކުރި އިރު، އިރާގުގެ ގާނޫނު ހަދާ މަޖިލީހުންވެސް ވަނީ އެމެރިކާ މީހުން އެގައުމަށް ވަނުން މަނާކުރުމަށް ގަރާރެއް ފާސްކޮށްފައެވެ.

އިރާގުން އެ ގަރާރަށް އަމަލުކުރަން ނުފެށި ނަމަވެސް، އެގައުމުން ވަނީ ވިސާ ސްކްރީނިންގްއާއި ޑޭޓާ ޝެއާރިން ފަދަ ޕްރޮސީޖާތައް ކުރިޔަށް ވުރެ ވަރުގަދަކޮށް، އިރާގަށް އެމެރިކާ މީހުންނަށް ވަނުން "އުނދަގޫ ކޮށްފަ"އެވެ.

ވައިޓްހައުސްގެ އޮފިޝަލު ވިދާޅުވި ގޮތުގައި ރައީސް ޓްރަމްޕްގެ ފުރަތަމަ އަމުރުފުޅަކީ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ތަފާތުކުރުމަށްޓަކައި ނެރުއްވި އަމުރުފުޅެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ބައެއް ކަންކަން އިސްލާހުކޮށް މިއަދު ސޮއިކުރި އާ އަމުރަކީ ހަމައެކަނި ގައުމީ ސަލާމަތުގެ މަސްލަހަތަށް ވިސްނާފައި އެކުލަވާލި އަމުރެއް ކަމަށެވެ.

"މިއީ ފުރަތަމަ އަމުރުފުޅަށް ވުރެ ތަފާތު އަމުރެއް. އެކަމަކު މި އަމުރުފުޅުން ތަފާތު މަގުސަދެއްގައި، ހަމަ އެއް ކަމެއް. މި އަމުރުން ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ،" އެ އޮފިޝަލް ވިދާޅުވިއެވެ.

ޓްރަމްޕްގެ ކުރީގެ އަމުރުފުޅަކީ 90 ދުވަހުގެ މުއްދަތަކަށް ހިނގާ އަމުރުފުޅެކެވެ. މިއަދު ސޮއިކުރެއްވި އަމުރުފުޅު ތަންފީޒުވާން ފަށާނީ މާޗު މަހުގެ 17 ވަނަ ދުވަހުން ފަށައިގެންނެވެ. ތަންފީޒުވާން ފަށާނީ އަނެއްކާވެސް 90 ދުވަހުގެ މުއްދަތަކަށެވެ.

ކުރީގެ އަމުރުފުޅުގައި، ލިސްޓުގައި ހިމެނުނު ހަތް ގައުމުގެ ރައްޔިތުންގެ ތެރެއިން އެމެރިކާގެ ވިިސާއާއި ޕާމަނަންޓް ރެޒިޑެންޓް ޕާމިޓް ނުވަތަ ގްރީންކާޑު ހޯލްޑަރުންނަށް ވެސް އެގައުމަށް ނުވަދެވޭ ގޮތަށް އޮތް ނަމަވެސް، އާ އަމުރުފުޅުގައި ވަނީ ވިސާއާއި ގްރީންކާޑު އޮތް ފަރާތްތަކަށް އެމެރިކާއަށް ވަދެ ނުކުމެ ހެދުމަށް ހުރަހެއް ނޯންނާނެކަން ކަށަވަރު ކޮށްދީފައެވެ.

comment ކޮމެންޓް