މައިޒާން އިބްރާހިމް މަނިކު އަވަހާރަވެއްޖެ

މައިޒާން އިބްރާހީމް މަނިކު ---

ދިވެހި ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށްވާ ހ. ފޭދޫ، މައިޒާން އިބްރާހިމް މަނިކު މިރޭ އަވަހާރަވެއްޖެއެވެ.

މައިޒާން އިބްރާހިމް މަނިކު އަވަހާރަވީ މިރޭ ސްރީލަންކާގެ ކޮލޮމްބޯގައެވެ. އެބޭފުޅާ އަވަހާރަވީ އުމުރުފުޅުން 82 އަހަރުފުޅުގައެވެ.

އިބްރާހީމް މަނިކު ވަނީ ދައުލަތަށް ގާތްގަނޑަކަށް ބައި ގަރުނު ވަންދެން ޚިދުމަތް ކޮށްދީފައެވެ. ކަސްޓަމްސްގެ ވަޒީފާއަކުން ދައުލަތުގެ ޚިދުމަތް ފެއްޓެވި އިބްރާހީމް މަނިކު، ރައީސް އިބްރާހީމް ނާސިރުގެ އަރިހުގައި ގިނަ ދުވަސް ވަންދެން މަސައްކަތް ކުރެއްވިއެވެ.

އޭގެ ފަހުން ޕަބްލިކް ވޯކްސް ސާވިސްގައި 1982 ވަނަ އަހަރުން ފެށިގެން އިބްރާހިމް މަނިކު ޚިދުމަތް ކޮށްދެއްވަމުން ގެންދެވިއެވެ. ނަވާރަސަތޭކަ އަށްޑިހަ ދެވަނަ އަހަރަކީ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ ބިންގާ އެޅިގެން ދިޔަ އަހަރެވެ. އިސްލާމީ މަރުކަޒުގެ މަސައްކަތްތައް ކުރިޔަށް ދާ ގޮތް ބެލުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ހަ ބޭފުޅުންގެ ޚާއްސަ ކޮމިޓީގައި އިބްރާހިމް މަނިކުވެސް ހިމެނިވަޑައިގެންނެވިއެވެ.

ޕަބްލިކް ވޯކްސް ސާވިސްގައި އެބޭފުޅާ ވަނީ ރަށްރަށުގެ އެކިއެކި އުމްރާނީ މަސައްކަތްތައް ހިންގުމުގެ ކަންކަން ބަލަހައްޓަވައިފައެވެ.

އިބްރާހިމް މަނިކު ސަރުކާރުގެ ޚިދުމަތުން ވަކިވެވަޑައިގެންނެވީ 2008 ވަނަ އަހަރުއެވެ. އޭރު އެބޭފުޅާ ހުންނެވީ މިނިސްޓްރީ އޮފް ހައުސިންގް އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.

އިބްރާހިމް މަނިކު އުފަންވެވަޑައިގަތީ 1934 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 18 ވަނަ ދުވަހުއެވެ.

comment ކޮމެންޓް