މައްސަލަ ޖެހުނު ތާޒާ ފެން ތަހުލީލު ކުރަނީ

ތާޒާގެ ފަސް ލީޓަރުގެ ފެންފުޅިއެއް -- ސަން ފައިލް ފޮޓޯ

ތާޒާ ބްރޭންޑުގެ މިނަރަލް ވޯޓާގެ ދެ ބެޗެއްގައި މައްސަލައެއް ދިމާވުމާ ގުޅިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އެތަކެތި ތަހުލީލުކުރަން ފަށައިފިއެވެ.

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީގެ ސަބްސިޑަރީ ކުންފުނި، އައިލެންޑް ބެވެރެޖެސް މޯލްޑިވްސް (އައިބީއެމް)އިން މެނުފެކްޗާކުރާ ތާޒާ ބްރޭންޑުގެ ބޯފެނުގެ ދެ ބެޗެއްގައި ''ފާ ވަހެއް'' އަދި ރަހައެއް ހުރި ކަން އެނގުމާ ގުޅިގެން، ތާޒާ ފެން އުފައްދާ ކުންފުނިން ވަނީ އެ ބެޗުގެ ފެން ވިއްކަން ހުރި ފިހާރަތަކުން އެތަކެތި ނަގާފައެވެ.

މައްސަލަ ދިމާވީ ތާޒާގެ ބެޗު 1465 އަދި 1466 ގެ ފެންފުޅިތަކުގައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ދެ ބެޗުގައި ހުންނަން ނުޖެހޭ ވަހެއް ހުރުމާ އެކު އޭގެ ރައްކާތެރިކަން ބެލުމުގެ މަސައްކަތް އެ އޮތޯރިޓީއިން ކުރަމުންދާ ކަމަށެވެ.

"މިކަން ދެނެގަތުމަށްޓަކައި ތަހުލީލުތައް ކުރަމުންދާ ކަމުގައިވެސް ދަންނަވަން،" އެ އޮތޯރިޓީއިން ބުންޏެވެ.

އެމްއެފްޑީއޭއިން މިހެން ބުނެފައިވާ އިރު، އައިލެންޑް ބެވެރެޖަސް މޯލްޑިވްސްއިން ވަނީ އެ ބެޗުގެ ހުރިހާ ފެންފުޅިއެއް އަނބުރައި ނަގާފައެވެ.

އައިލެންޑް ބެވެރެޖަސް މޯލްޑިވްސްއަކީ އެމްޑަބްލިއުއެސްސީގެ 51 ޕަސަންޓު ހިއްސާއާއި، ޗަމްޕާ ބްރަދާޒް ކުންފުނީގެ 49 ޕަސަންޓު ހިއްސާއާ އެކު، 2002 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެކުންފުނިން މިނަރަލައިޒްޑް ބޯފެން ބަންދުކޮށް ބާޒާރުގައި ވިއްކަން ފެށީ 2004 ވަނަ އަހަރުއެވެ.

comment ކޮމެންޓް