ހާލު ސީރިއަސްވެ ގާސިމް އޭޑީކޭ އައިސީޔޫއަށް ބަދަލުކޮށްފި

ގާސިމް އިބްރާހީމް: އޭޑީކޭ ރޫމެއްގައި ފަރުވާ ހޯއްދަވަމުުން ގެންދަވަނިކޮށް، ހާލު ސީރިއަސްވެ އައިސީޔޫއަށް ބަދަލު ކުރީ މިރޭ 10 ޖެހިފަހުން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މެޔަށް ތަދުވެ، ނޭވާ ހާސްވުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އޭނާގެ ހާލު ސީރިއަސްވެ، ކުއްލި ގޮތަކަށް އައިސީޔޫއަށް ބަދަލުކޮށްފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ގާސިމްގެ ހާލު ސީރިއަސްވެ، އޭނާ އޭޑީކޭ އައިސީޔޫއަށް ބަދަލު ކުރީ މިރޭ 10 ޖެހިފަހުން ކަމަށެވެ.

ގާސިމް އޭޑީކޭއިން ފަރުވާ ހޯދަން ފެށީ ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ޕާސްޕޯޓް ހިފަހައްޓައިފައިވުމުން، ރާއްޖެއިން ބޭރަށް ފުރައިވަޑައި ނުގެންނެވުމުންނެވެ.

ގާސިމްގެ ޕާސްޕޯޓް ހިފެހެއްޓީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނު ޕާސްޕޯޓް ހިފަހައްޓާފައިވާކަން ވެސް އެނގުނީ އެއާޕޯޓަށް ވަޑައިގެންނެވުމުންނެވެ.

ގާސިމްގެ ސިއްހީ ހާލުކޮޅު ގޯސްވީ މިއަދު މެންދުރު އެމަނިކުފާނު އޮފީހަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ކާރުކޮޅުގައި ބަންޑާރަ މިސްކިތާ ހަމައަށް ވަޑައިގެންނެވިތަނާ އެމަނިކުފާނު ނޭވާ ހާސްވެ، ދާހިއްލައި ހޮޑުލަވައިގަތުމުން ކުއްލި ގޮތަކަށް އެޑްމިޓް ކުރީ މެޑިކާ ހޮސްޕިޓަލުގަ އެވެ.

ގާސިމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން މިއަދު މެންދުރު ފަހު 2:00 އަށް ތާވަލްކޮށްފައި ވަނިކޮށެވެ. ހާސިމްގެ ސިއްހީ ހާލުކޮޅު ގޯސްވުމުން، އެމަނިކުފާނުގެ މައްޗަށް ހިންގާ ޝަރީއަތް ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

comment ކޮމެންޓް