ފުރަތަމަ މޭސް ޑިބޭޓިން މުބާރާތުގެ މޮޅު ބަހުސްކުރުންތެރިޔަކަށް ޝަހީދު

ރާއްޖޭގައި ބޭއްވި ފުރަތަމަ މޭސް ޑިބޭޓިން މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް ހޮވުނު ޝަހީދު (ކ) އަދި އޭނާ ނިސްބަތްވާ ޓީމް، ބެޗް ތޭރައަށް މުބާރާތުގެ އެއްވަނަ ދިޔަ ކަމުގެ ޓުރޮފީ ހަވާލުކުރަނީ --- ފޮޓޯ/ އައިޔޫއެމް

ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އިން ރާއްޖެއަށް ތައާރަފްކުރި ބަހުސް ކުރުމުގެ އާ ގޮތެއް ކަމަށްވާ "މޭސް ޑިބޭޓިން"ގެ ފުރަތަމަ މުބާރާތުގެ އެންމެ މޮޅު ބަހުސްކުރުންތެރިޔަކަށް މުހައްމަދު ޝަހީދު ހޮވިއްޖެއެވެ.

އިސްލާމިކް ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުން އިންތިޒާމް ކޮށްގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު ޔުނިވާސިޓީގެ ދަރިވަރުންގެ މެދުގައި ބޭއްވި އެ ބަހުސްކުރުމުގެ މުބާރާތުގައި ޖުމްލަ ހަ ޓީމް ބައިވެރިވި އެވެ.

މުޅި މުބާރާތުން އެންމެ މޮޅު ބަހުސް ކުރުންތެރިޔަކަށް މުހައްމަދު ޝަހީދު ހޮވުނުއިރު، މުޅި މުބާރާތުން އެއްވަނައަށް ދިޔައީ އޭނާ ހިމެނޭ، ބެޗް ތޭރައިގެ ޓީމެވެ. ފަނާރު ޓީމުން ދެވަނަ ހޯދިއިރު، ތިންވަނަ ހޯދީ އަރާތަރި ޓީމެވެ.

މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ތަރުޖަމާ ކުރުމަކީ އިސްލާމީ ހަޟާރަތު މުހިއްމު ބައެއް ކަމަށެވެ.

އަދި ބޭރުގެ އިލްމުތައް އަމިއްލަ މާދަރީ ބަހަށް ތަރުޖަމާ ކުރުމަކީ ދިވެހީންގެ ހަޟާރަތު އޭގެ އަމިއްލަވަންތަ އަސްލުތަކުގެ މަތީގައި ބިނާކުރުމަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި އެކަމަށް އެކަށީގެންވާ ހޭދައެއް ކުރުން ވެސް މުހިއްމު ކަމަށް ވިދާޅުވިއެވެ.

އެގޮތުން، ބޭރުގެ އިލްމުތައް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ ވަރަށް ހާއްސަ މަޝްރޫއެއް އިސްލާމީ ޔުނިވާސިޓީ އިން ވަރަށް އަވަހަށް ފައްޓަވާނޭ ކަމަށް ޗާންސެލަރު ޝަހީމް ވިދާޅުވިއެވެ.

ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅުދައްކަަވަމުން ދިވެހި ބަހުގެެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ، ދުނިޔޭގެ އެހެންތަންތަނުގައި ވެސް ދައުލަތުން ކުރައްވާ ހަރަދުގެ އިތުރަށް އެގައުމަކަށް އޭރަކު ބޭނުންވާ އެންމެ މުހިއްމު ކަންކަމަށް އަމިއްލަ ވިޔަފާރި ޖަމާއަތްތަކުން މާލީ ގޮތުން އެހީތެރިވާ ކަމަށެވެ.

އަދި ވިދާޅުވީ، ރާއްޖޭގެ ސަގާފީ ވެށި ފުޅާކުރުމަށްޓަކައި އެފަދަ ދީލަތިކަމެއް ބޭނުންވާ ކަމަށެވެ.

ބޭރުގެ ކޮލެޖް ޔުނިވާސިޓީތަކުގައި ވަރަށް މަގްބޫލް ބަހުސްކުރުމުގެ އުސޫލެއް ކަމަށްވާ މޭސް ޑިބޭޓިން އަކީ އިލްމީ ހެއްކާ ބުއްދީގެ ބަހުސްތަކުގެ މައްޗަށް ބިނާވެފައި އޮންނަ ބަހުސް ކުރުމުގެ އުސޫލެކެވެ. އެ މުބާރާތްތައް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަނީ އެކި ގޮތަށެވެ.

އާއްމުކޮށް ކުރާ ބަހުސްތަކާ ތަފާތުކޮށް މޭސް ޑިބޭޓިންގައި ދެ ޓީމު ދެޓީމުން ބަހުސްތެރޭ ސުވާލު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ފަނޑިޔާރުންނާއި އަޑުއެހުންތެރީންނަށް ވެސް، ބައިވެރިވާ ޓީމުތަކަށް ސުވާލުތައް ކުރިމަތި ކުރެވޭނެއެވެ. އޭގެ ސަބަބުން ހުށަހެޅިފައި އޮންނަ މައުޟޫއަށް ބޮޑަށް ބަހުސްކުރެވި މައުޟޫއަށް ރަނގަޅަށް އިންސާފު ކުރެވިގެންދާނެއެވެ.

އައިޔޫއެމްގައި ބޭއްވި މޭސް ޑިބޭޓިން މުބާރާތުގައި ބެލުންތެރީންނަށް ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ފުރުސަތު ހުޅުވާލާނޭ ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.

comment ކޮމެންޓް