ނާޗަރަންގީ ހުއްޓާލައި ސިއްހީ މުސީބާތުން ރައްޔިތުން ސަލާމަތް ކުރަން ޕީއޭ އިން ސަރުކާރަށް ގޮވާލައިފި

މުޅި ރާއްޖެ އަށް ޑެންގީ ހުން ފެތުރި މީހުން މަރުވާން ފެށީ ނޭނގި ތިއްބާ ކުއްލިއަކަށް ނޫން ކަމަށާއި އުފާ ފާޅު ކުރުމުގެ ނާޗަރަންގީ ހުއްޓާލައި ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ މުސީބާތުން ސަލާމަތް ކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށް ޕީޕަލްސް އެލަޔަންސް )ޕީއޭ( އިން ގޮވާލައިފި އެވެ. ފެތުރިފައިވާ ޑެންގީ ކޮންޓްރޯލް ނުކުރެވުނީ ސިއްހީ ދާއިރާ އަށް ސަރުކާރުގެ ސަމާލުކަން ކުޑަވެ، އެ ދާއިރާ އަށް ހޭދަ ނުކުރުމާއި އިސްވެރިންގެ ފަރުވާ ކުޑަކަމުން ކަމަށް ވެސް )ޕީއޭ( އިން ވަނީ ބުނެފަ އެވެ.

ޑެންގީ ހުން ފެތުރި މީހުން މަރުވަމުން ދިއުމާ ގުޅިގެން ޕީއޭ އިން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެމްޑީޕީން ސަރުކާރާ ހަވާލުވުމާ ހަމައަށް ރާއްޖެއަކީ ސިއްހީ ރޮނގުން ކާމީޔާބީތައް ހާސިލުކޮށްފައިވާ ގައުމެއް ކަމަށެވެ. ވޭތުވެދިޔަ 20 އަހަރު ދުވަހުގެ ތެރޭ މި ސަރަހައްދާ އަޅާ ބަލާއިރު ސިއްހީ މިންގަނޑުތަކުގެ އާދަޔާ ހިލާފު ކުރިއެރުންތައް ރާއްޖެ ހޯދާފައިވާކަން ބައިނަލް އަގުވާމީ ފަރާތްތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

ރާއްޖެއަކީ ސާސްކަފުގެ އަށް ލަނޑުދަނޑީގެ ތެރެއިން ފަސް ލަނޑުދަނޑި ހާސިލުކޮށް "މިލޭނިއަމް ޑިވެލޮޕްމަންޓް ގޯލް ޕްލަސް"ގެ ޝަރަފު ހޯދާފައިވާ ސަރަހައްދުގެ ހަމައެކަނި ގައުމު ކަމަށާއި ނަމަވެސް އެމްޑީޕީގެ ސަރުކާރު ވެރިކަމާ ހަވާލުވެ، ސިޔާސީ ބޭނުމަށް ސިއްހީ ދާއިރާ އަށް ބޮޑެތި ބަދަލުތައް ގެނައުމުން މުޅި ސިއްހީ ދާއިރާ ބޮއްސުންލައި ހޯދި ކުރިއެރުން ފަހަތަށް ދިއުމުގެ ބިރު ރާއްޖެ އަށް ކުރިމަތިވެފައިވާ ކަމަށް ވެސް ޕީއޭގެ ތިން ގަނޑުގެ ބަޔާނުގައިވެ އެވެ.

"... ޑެންގީ ހުން މުޅި ރާއްޖެ އަށް ފެތުރުމުގެ އިތުރުން ޗިކުންގުންޔާ ވެސް ވަރަށް ހަލުއިކަމާ އެކު ދަނީ ފެތުރެމުންނެވެ. އަދި މީގެ އިތުރުން ރާއްޖެ އިން މުޅިން ނައްތާލެވިފައިވާ ބަލިތައް ކަމުގައިވާ ޕޯލިއޯ ފަދަ ބަލިތައް ފެންނަމުންދާ ކަމުގެ ރިޕޯޓްތައް ވެސް އަޅުގަނޑުމެންނަށް ދަނީ ލިބެމުންނެވެ. މިފަދަ ނުރައްކާތެރި ފައްތަރަކަށް ކަންކަން ގޮސްފައިވާ އިރު ސިއްހީ ދާއިރާގެ އޮނިގަނޑަށް ގެނެސްފައިވާ ބަދަލާ އެކު މުޅި އެ ދާއިރާ ބޮއްސުންލާފައިވާތީ އެކަށީގެންވާ ގޮތެއްގައި މިކަންކަމާ މެދު ފިޔަވަޅު އެޅުމަށް ސަރުކާރު ނުކުޅެދިފައިވާކަން ފާހަގަ ކުރަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ޕީއޭ އިން ބުނަނީ ސިއްހީ ދާއިރާ ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށް ތަޖުރިބާކާރުން ބުނާތީ 2011 ގެ ބަޖަޓްގައި ސިއްހީ ދާއިރާ ތަރައްގީ ކުރަން އިތުރު ފައިސާ ހިމަނަން ޕީއޭ އިން ބާރު އެޅި ކަމަށެވެ. ސިޔާސީ މަގާމުތައް އިތުރު ކުރުމާއި އެމްޑީޕީގެ ބައިވެރިވެރިންނަށް ބައި އެޅުމަށް ބިން ހިއްކުމާއި ސާކް ސަމިޓް ފަދަ ފާއިދާއެއް ނެތް ހަރަދުތަކުގެ ބަދަލުގައި އެ ފައިސާގެ ބޮޑު ބައެއް ސިއްހީ ދާއިރާ އަށް ހޭދަކުރަން ޕީއޭ އިން ހުށަހަޅެޅުމުން ސަރުކާރުން ބިރު ކަންފަތެއް ދީފައިވާ ކަމަށް ވެސް ބަޔާން ބުނެ އެވެ.

ސިއްހީދާއިރާ ހަރުދަނާ ކުރަން އަވަސް ފިޔަވަޅު އަޅައި ބޭކާރު ހަރަދުތައް ހުއްޓައިލުމަށް ޕީއޭގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. އަދި ބުނެފައިވެ އެވެ: "ބޭކާރު ހަރަދުކުރުން މިހާރުން މިހާރަށް ހުއްޓާލައި ބޭކާރު ސިޔާސީ މަގާމުތައް މަދު ކުރުމަށް ވެސް ސަރުކާރަށް ގޮވައިލަމެވެ. މުޅި ގައުމުގައި ހާސްކަމާއި ބިރުވެރި ކަމާއި އުދާހާއި ވޭނުގެ ސާލެއް ފެތުރިފައިވާއިރު ނިކަމެތި ރައްޔިތުންނާ މެދު ހަމްދަރުދީވެ މަޖާ ކުރުމާއި އުފާ ފާޅު ކުރުމުގެ ނާޗަރަންގީތައް ހުއްޓާލައި ސިއްހީ މުސީބާތްތަކުން ރައްޔިތުން ރައްކާތެރި ކުރުމަށް ވަގުތުން މަސައްކަތް ފެށުމަށް އިހުލާސްތެރިކަމާއެކު މި ޕާޓީން ގޮވައިލަމެވެ." ބަޔާނުގައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު