ހދ. ވައިކަރަދޫއިން ކަރަންޓް ކެނޑި އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައި ތިބި އިރު ވައިކަރަދޫ ދާއިރާ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ އާރިފު، ރައްޔިތުންގެ ހާލު ބައްލަވައިފައި ނުވާތީ އެކަން ކުށްވެރިކޮށް ވައިކަރަދޫ ކައުންސިލުން ބަޔާނެއް ނެރެފި އެވެ.
ވައިކަރަދޫ ރަށު ކައުންސިލުގެ ބަޔާނުގައި ބުނަނީ އެ ރަށުން ކަރަންޓް ކެނޑި ރައްޔިތުން ހާލުގައި ޖެހިފައިވީއިރު ވެސް އެ ދާއިރާގެ މެންބަރު ރައްޔިތުންގެ ހާލު ބައްލަވާފައި ނުވާ ކަމަށެވެ. އަދި ރަށަށް ދިމާވި އަނދިރީގެ ހާލަތުން ސަލާމަތް ކުރުމުގެ ބަދަލުގައި އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދެއްވައި މީޑިޔާތަކުގައި ދެއްކެވި ވާހަކަފުޅުތައް ކުށްވެރި ކުރާ ކަމަށެވެ.
އެ ބަޔާން ބުނާ ގޮތުގައި އާރިފު މީޑިއާއަށް ވާހަކަފުޅު ދައްކަވާފައި ވަނީ ރައްޔިތުންގެ ހާލާއި މަޝްރަހު އެއްވެސް ވަރަކަށް ނުބައްލަވަ އެވެ، އަދި އެކަން ކުރައްވާފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމަށްވާތީ ކައުންސިލުން އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރެ އެވެ.
"... ނޫސްވެރިންނާ ބައްދަލު ކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވެފައި ވަނީ ވިނަރެސް ޖަމިއްޔާ އާއި ކައުންސިލާ ދެމެދު އުފެދިފައިވާ މައްސަލައިގެ ތެރެއަށް ވަދެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށާއި މުހިންމީ ވައިކަރަދޫއަށް ކަރަންޓުގެ ހިދުމަތް ދިނުން ކަމުގަ އެވެ. ސަރުކާރުގެ އިސް ފަރާތްތަކާ ވާހަކަ ދައްކަވަމުންދާ ކަމަށާއި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ނަމަވެސް ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން މިފަދަ ދަނޑިވަޅެއްގައި އެއްވެސް ގޮތަކަށް އެހީތެރިކަމާއި އެއްބާރުލުން ނުދެއްވާ ރައްޔިތުންނަށް އޮޅޭފަދް ގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާތީ އެކަންކަމަކީ ވައިކަރަދޫ ރައްޔިތުންނާއި މި ކައުންސިލަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" ބަޔާނުގައި ވެއެވެ.
ގާތްގަނޑަކަށް 1200 އެއްހާ މީހުން އުޅޭ ރަށުން ކަރަންޓް ކެނޑިފައި ވަނިކޮށް އުމަރު ނަސީރު ވޭލް ސަބްމެރިން އޮފީހުގައި އަލީ އާރިފު ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވެވި އެވެ. އެ ދުވަހު އާރިފު ވިދާޅުވީ ވައިކަރަދޫއިން ކަރަންޓް ކަނޑާލާފައި އޮތުމުން، ވީހާވެސް އަވަހަކަށް އެ ރަށަށް ކަރަންޓްގެ ހިދުމަތް ދެވޭތޯ ސަރުކާރާ ވާހަކަދައްކަވަމުން އަންނަ ކަމަށާއި އެކަމުގައި ސަރުކާރުން ވެސް އެދެވޭ ޖަވާބެއް ދެއްވާފައިވާ ކަމަށެވެ.
"އަޅުގަނޑު މިދަނީ ސަރުކާރުގެ އިސް ފަރާތްތަކާ ވާހަކަ ދައްކަމުން، އެބޭފުޅުން ވިދާޅުވީ ވައިކަރަދުއަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނަމޭ، އެއީ ޕޮޒިޓިވްޖަވާބެއް ކަމަށް އަޅުގަނޑު ދެކެނީ،" އާރިފު އެދުވަހު ވިދާޅުވި އެވެ. އަދި ވިނަރެސް ޖަމިއްޔާ އާއި ރަށުކައުންސިލާ ދެމެދު އުފެދިގެން އުޅޭ މައްސަލައިގެ ތެރެއަށް ވެދެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.