ސައުންޑްސް އޮފް މޯލްޑިވްސްގެ ރާސްތާއަކީ ބޭރު ދުނިޔެއަށް ރާއްޖެ ޕްރޮމޯޓް ކުރުމެވެ. ފަތުރުވެރިކަން އިސްތިހާރު ކުރުމެވެ. އެއީ ދިވެހި ފަންނާނުން ރާއްޖެއިން ބޭރު ސްޓޭޖްތަކާ ގުޅުވައިދޭ ފާލަމެވެ. ދިވެހި ފަންނާނުންގެ ހުނަރުތައް ހިއްސާކޮށް ދިނުމަށް އެހީތެރިވެދޭ މިތުރެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު އިވެންޓް މެނޭޖްމަންޓް ކުންފުނި، ހައިރައިޒް އިން 2011 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސްގެ ކާމިޔާބު ހަތް ވަނަ ޝޯ މިއަހަރު ނިއްމާލީ ވެސް އެ ކާމިޔާބީއާއެކުއެވެ.
ސިންގަޕޫރުގެ ސަންޓެކް ކޮންވެންޝަން ސެންޓަރުގައި މިދިޔަ އާދީއްތަ ދުވަހު ނިއްމާލި ޑައިވިން އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރޭގައި ކުރިއަށްދިޔަ މިއަހަރުގެ ސައުންޑްސް އޮފް މޯލްޑިވްސް ޝޯވގައި ވެސް ތަފާތު ފަންނާނުން ބައިވެރިވެ ހުނަރުވެރިކަން ވަނީ ދައްކާލާފައެވެ.
އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ސޯލޯ އާޓިސްޓް ރިޝްވާން އައިމަން (ރިއްޓެ) އާއި ހެވީ މެޓަލް ބޭންޑް، ހަބޭސް ބައި ގްރެވިޓީގެ އިތުރުން ރާއްޖޭގެ ނަގާ ކިޔާ އެއް ބޮޑުބެރު ގްރޫޕް، ހަބޭސް ބޮޑު ބެރު ގްރޫޕުގެ އިތުރުން ޒުވާން ހުނަރުވެރި ޑީޖޭ، އަލީ ފަޒީލް (ޑީޖޭ އަލީ) ހިމެނެއެވެ. ކޮންމެ ފަންނާނަކު ވެސް މިއަހަރުގެ ޝޯ ސިފަކުރީ ފުރިހަމަ ޝޯވއެއްގެ ގޮތުގައެވެ. ޝޯވ ބޭއްވި ހައިރައިޒް އަށް ކީ ފަށްފަށުން ސަނާއެވެ.
"ކުރީގަ ދިވެހި ޑީޖޭ އިންނަކަށް ބޭރުގައި ގައުމު ޕްރޮމޯޓް ކުރަން އިވެންޓް އެއްގެ ކުޅޭކަށް ނުލިބޭ. ސައުންޑްސް އޮފް މޯލްޑިވްސް ޕްލެޓްފޯމްގައި 2011 ވަނަ އަހަރުއްސުރެ އެކި ދިވެހި ޑީޖޭ އިންނަށް ފުރުސަތު ދީފައިވޭ،" ދިން ފުރުސަތަށް ޝުކުރު އަދާކުރަމުން، ސައުންޑްސް އޮފް މޯލްޑިވްސްއާއެކު ދުބާއީގައި ބޭއްވި ޝޯވގައި ވެސް ހުށަހަޅައިދިން ޑީޖޭ އަލީ ބުންޏެވެ.
ސިންގަޕޫރުގައި ހުރެ ސަން އަށް ޑީޖޭ އަލީ ބުނީ، ސައުންޑްސް އޮފް މޯލްޑިވްސްގައި ކުޅެން ބައިވަރު އާޓިސްޓުން ބޭނުންވާ ކަމަށާއި އެއީ އަގުބޮޑު ބްރޭންޑެއް ކަމަށެވެ. އަދި އެއީ ޕްރައިވެޓް ކުންފުންޏަކުން ގައުމުގެ ހުނަރުތައް ކުރާ ވަރަށް ފުރިހަމަ ނަމޫނާ ހިދުމަތެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"ހަމަ ގައިމުވެސް އަދި މިހާތަނަށް އަމިއްލަ ފަރާތަކުން ދިވެހި އާޓިސްޓުންގެ ކުރިއެރުމަކަށް މިވަރު ކަމެއް ނުކުރޭ. ހާއްސަކޮށް އަލަށް އަރާ އާޓިސްޓުންނަށް އޮތް ބޮޑު ޕްލެޓްފޯމެއް މިއީ. ހައިރައިޒްގެ ސައުންޑްސް އޮފް މޯލްޑިވްސްގައި ގިނަ މޮޅެތި އާޓިސްޓުން ކުޅެފި،" ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ރިސޯޓްތަކުގައި ޕާފޯމްކުރާ ނަމޫނާ އާޓިސްޓް ބުންޏެވެ.
ހައިރައިޒްއާއެކު ކާމިޔާބު އެތައް އިވެންޓެއްގައި ހުށަހަޅައިދީފައިވާ ހަބޭސް ބޮޑުބެރު ގްރޫޕުގެ މެނޭޖަރު އަލީ ޝިފާއު (އައްޔަ) އަދި ރިއްޓެވެސް ޑީޖޭ އަލީގެ ބަހަށް ދެބަހެއް ނުވެއެވެ. އައްޔަ ބުނާ ގޮތުގައި، ސައުންޑްސް އޮފް މޯލްޑިވްސްގެ ޕްލެޓްފޯމަކީ ހުރިހާ އާޓިސްޓުންނަށް ވެސް ޕާފޯމް ކޮށްލަން ރަނގަޅު ޕްލެޓްފޯމެކެވެ. ގިނަ ބަޔަކަށް ފެނި ހުނަރު ދައްކާލަން ލިބޭ ރަނުގެ ފުރުސަތެކެވެ.
އެ ޝޯވގެ ފަހަތުގައި އޮތް ހައިރައިޒް ޓީމަށް ތައުރީފް ކޮށް ހަބޭސްގެ ފަރާތުން އައްޔަ ބުނީ، އިވެންޓް އޯގަނައިޒް ކުރުމުގައި ހައިރައިޒް އަކީ ތަޖުރިބާކާރުން ކަމަށެވެ.
ސައުންޑްސް އޮފް މޯލްޑިވްސްއަކީ އަބަދުވެސް އަލަށް މިއުޒިކީ ދާއިރާއަށް ނުކުންނަ ފަރާތްތަކުގެ އެހީތެރިޔާއެވެ. އެކަމުގެ ހެއްކަކީ މިފަހަރުގެ ޝޯވގައި "ހަބޭސް ބައި ގްރެވިޓީ" ހުށަހަޅައިދިނުމެވެ. ސިންގަޕޫރުގައި މިފަހަރު ބޭއްވި ސައުންޑްސް އޮފް މޯލްޑިވްސް އަކީ ހަބޭސް ބައި ގްރެވިޓީން ރާއްޖޭން ބޭރުގައި ދިން އަލަތު ޝޯވއެވެ.
މިހާރުވެސް މެލޭޝިއާގައި ހުށަހަޅައިދިނުމަށް ގޮސް އުޅޭ ހަބޭސް ބައި ގްރެވިޓީގެ އިސްކޮށް ހަރަކާތްތެރިވާ އަދި ބޭންޑުގެ ލީޑް ގިޓަރިސްޓް ޝަހީދު (ޝަހީދު ލެގަސީ) ބުނީ، ސައުންޑްސް އޮފް މޯލްޑިވްސް ޕްލެޓްފޯމަކީ ދިވެހި ހުނަރާއި މިއުޒިކް ދައްކައިދިނުމަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށެވެ. އަދި ސައުންޑްސް އޮފް މޯލްޑިވްސް ޝޯވ ތަކުގައި ކުޅުމުން ބައިނަލްއަގްވާމީ މިއުޒިކަށް ދިވެހި އާޓިސްޓުން ހުޅުވި ސަމާލުކަން ލިބިގެންދާނެ ކަމަށެވެ.
"ސައުންޑްސް އޮފް މޯލްޑިވްސް ކަހަލަ ޕްލެޓްފޯމްތައް މަދުވީމަ ހާއްސަކޮށް ގްރެވިޓީ ކަހަލަ ބޭންޑްތަކަށާއި ކުރިއަށް އަރަން ތިބި އާޓިސްޓުންނަށް އަދި ރާއްޖޭގެ މިއުޒިކްގެ ޔުނިކް ސްޓައިލް ދައްކާލުމަށް މިއީ ލިބޭ ރަނުގެ ފުރުސަތެއް. އޭގެ ތެރޭގައި ދިވެހިންގެ ސަގާފީ ކަންތައްތައް ކަހަލަ ބޮޑުބެރު،" ޝަހީދު ބުންޏެވެ.
ޝަހީދު ބުނީ، ސައުންޑްސް އޮފް މޯލްޑިވްސް އިންތިޒާމްކުރާ ހައިރައިޒަކީ ދުނިޔެއަށް ދިވެހި ބޭންޑުތައް ނެރެދިނުމަށް މަސައްކަތްކުރާ ދިވެހި "އޭޖެންޓެއް" ކަމަށާއި އަދި ހައިރައިޒްއާއެކު މަސައްކަތްކުރަން ލިބުމަކީ ލިބުނު ވަރަށް ރަނގަޅު ޓީމް ތަޖުރިބާއެއް ކަމަށެވެ.
މިފަހަރުގެ ސައުންޑްސް އޮފް މޯލްޑިވްސްގައި ހުށަހަޅައިދިން ހުރިހާ އާޓިސްޓުންގެ ވެސް ޝުކުރާ ސަނާ ހައިރައިޒްއަށް ބަންޑުން ކޮށްލިއިރު، ހައިރައިޒްގެ ފައުންޑާ އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވީ، ސައުންޑްސް އޮފް މޯލްޑިވްސްގެ އަމާޒަކީ ދިވެހި ޒުވާން ހުނަރުވެރިކަން ބޭނުންކޮށްގެން ރާއްޖެ ޕްރޮމޯޓްކޮށް އިސްތިހާރު ކުރުން ކަމަށާއި އެކަން ހާސިލްވާ ކަމަށެވެ. އަދި ހައިރައިޒްގެ ކޮންމެ އިވެންޓެއްގައި ވެސް ދިވެހި އާޓިސްޓުންނަށް ފުރުސަތު ދެނީ އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުނގަޑުމެން އެފްއެންބީ ޝޯއެއް ބޭއްވިޔަސް، ލިވިން އެކްސްޕޯ އެއް ބޭއްވިޔަސް އޭގެ ބޮޑުބެރާ މިއުޒިކް ހިމަނަން. އެއީ އާ އާޓިސްޓުންނަށް އެއްޗެއްދީ އަދި ފުރުސަތުތަކެއް ހޯދައިދޭން. ސައުންޑްސް އޮފް މޯލްޑިވްސް ވެސް މިއުޒިކް ޝޯ ގޮތަށް ބާއްވައިފިން. ފަންކަޝްތަކާ ކޮލަބުރޭޓްކޮށް ބާއްވައިފިން. ދެން މިފަހަރު ޓޫރިޒަމް ފެއާއެއްގެ ތެރޭގައި މި ބޭއްވީ،" އިއްސެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސައުންޑްސް އޮފް މޯލްޑިވްސް ބްރޭންޑް ދިރުވަން ތަރުހީބާ އެއްބާރުލުން ބޭނުންވާ ކަމަށާއި އެގޮތުން ފަތުރުވެރިކަމުގެ ބޯޑުން އެހީ ހޯދާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯތައްވެސް ވަރުގަދަވާނޭ ކަމަށް އިއްސެ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށްހުރި ޝޯތައްވެސް ވަރުގަދަވާނެ. މި އިވެންޓް ގަ ހުރީ ތަފާތު ތަޖުރިބާ. އަންނަ އަހަރުގެ ޝޯ ބާއްވާނެ ގައުމެއް އަދި ނުނިންމަން،" ރާއްޖޭގައި އެންމެ ގިނަ އިވެންޓް ބާއްވާ އަމިއްލަ ކުންފުނި، ހައިރައިޒްގެ އެއް ބާނީ ވިދާޅުވިއެވެ.
ކޮންމެއަކަސް ކުޑަ ބަޑޮހުން ފެށި ސައުންޑްސް އޮފް މޯލްޑިވްސގެ ދަތުރު މާލެ އިން ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންގޮސް އަވަށްޓެރި ކޮލަމްބޯ އަދި އިންޑިއާގެ ބެންގަލޫރުގެ އިތުރުން ކުއަލަ ލަމްޕޫރުން އަދި މެދު އިރުމަތީ ދުބާއީގައި ބޭއްވުމަށްފަހު މިއަހަރު އޮޑި ލެފީ ސިންގަޕޫރަށެވެ.
ސައުންޑްސް އޮފް މޯލްޑިވްސްގެ އޮޑި ދެން ދާނެ މަންޒިލެއް އަދި ނޭނގުނު ނަމަވެސް، އެ ފުރުސަތު ވާނީ ދިވެހި މިއުޒިކީ ފަންނާނުންނަށް ލިބޭނެ ރަނުގެ ފުރުސަތަކަށެވެ.