19:00
ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ އެއާޕޯޓަށް ޖައްސަން ދިޔަ މަތިންދާބޯޓެއް އެކްސިޑެންޓްވެ އޭގައި ދަތުރުކުރި 103 މީހަކު މަރުވެއްޖެ އެވެ.
ލީބިޔާގެ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަލީ ޒިދާން މައުލޫމާތު ދެއްވި ގޮތުގައި އަފްރިގިއްޔާ އެއާވޭޒްގެ އެއާބަސް-330 ގެ މަތިންދާބޯޓު އެކްސިޑެންޓްވެފައި ވަނީ ރަންވޭއަށް ޖައްސަން އުޅެނިކޮށް ރަންވޭއާ އެއްމީޓަރު ދުރުންނެވެ. އަދި މިބޯޓުން ދަތުރުކުރި 93 ފަސިންޖަރުންނާއި 11 ކްރޫ މެމްބަރުންގެ ތެރެއިން ހޮލެންޑަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ ކުޑަކުއްޖެއް ފިޔަވައި އެހެން އެންމެން މަރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒިދާން އިތުރަށް ވިދާޅުވެފައިވަނީ މިހާދިސާގައި ސަލާމަތްވި ކުއްޖާ އަށް ލީބިޔާގެ ހޮސްޕިޓަލަކުން ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ފުރާނައަށް ނުރައްކާވާ ފަދަ އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި މި އެކްސިޑެންޓަކީ ޓެރަރިސްޓް ޖަމާއަތެއްގެ އަމަލެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިބޯޓަކީ ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނެސްބާގުން ޓްރިޕޮލީއަށް ދަތުރުކޮށްފައި އައި ބޯޓެކެވެ. އަދި މިބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ލީބިޔާގެ ރައްޔިތުންގެ އިތުރުން ޔޫރަޕާއި އެފްރިކާގެ ރައްޔިތުން ހިމެނޭ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ފްރާންސްގެ ބީ.އީ.އޭ އެއާ އެކްސިޑެންޓް އެޖެންސީން މިހާރު ދަނީ މިހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.