ތުލުސްދޫގައި އައިސްޕްލާންޓެއް ގާއިމްކުރުމަށް 25 އަހަރަށް ބިމެއް ކުއްޔަށް ދޫކުރަނީ

ތުލުސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް: އެރަށުގައި އައިސްޕްލާންޓެއް ގާއިމްކޮށް ތަރައްގީކޮށްދޭން ޝައުގުވެރިވާ ފަރާތަކަަށް ބިމެއް ކުއްޔަށް ދިނުމަށް ކައުންސިލުން ވަނީ ނިންމައި ބީލަމަށް ލާފައި --- ފޮޓޯ/ ދަ ރިއަލް މޯލްޑިވްސް

ކ. އަތޮޅުގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކ. ތުލުސްދޫގައި އައިސްޕްލާންޓެއް ގާއިމްކޮށް ތަރައްގީކުރުމަށް އެރަށު ކައުންސިލުން ބިމެއް ކުއްޔަށް ދޫކުރުމަށް ބީލަމަށް ލައިފިއެވެ.

ތުލުސްދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އައިސް ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެރަށު ބަނދަރާއި ކައިރިން 9707.46 އަކަފޫޓުގެ ބިމެއް 25 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރަން ބީލަމަށްލާ ކަމަށެވެ.

ބީލަން ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 1:00ގެ ނިޔަލަށެވެ. ބީލަން ފެށޭ އަގަކީ 4853.73 ރުފިޔާ ކަމަށް ތުލުސްދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

ތުލުސްދޫ ކައުންސިލުން ބުނީ، ބީލަމާ ގުޅޭ މައުލޫމާތު ދިނުން އަންނަ މާޗް މަހުގެ މެންދުރު 1:00ގައި ކައުންސިލް އިދާރާގައި އޮންނާނެ ކަމަށާއި މައުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަންނާނެ ކަމަށެވެ.

ބިން ކުއްޔަށް ދޫކުރެވޭނީ ބިޑް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ކުއްޔެއް އަދި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކަށެވެ.

comment ކޮމެންޓް