ސައުންޑްސް އޮފް މޯލްޑިވްސްއާއެކު "ގްރެވިޓީ ބައި ހަބޭސް" ރާއްޖޭގެ އަސްދަނޑިން ބޭރަށް

ސިިންގަޕޫރުގައި ކުރިއަށްދާ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯވގައި ބައިވެރިވާ ގްރެވިޓީ ބައި ހަބޭސްގެ ޓީމް މެމްބަރުން --- ފޮޓޯ/ މުއައްޒިން

ބޮޑުބެރުގައި ރާއްޖޭގައި އެންމެ ނަގާ ކިޔާ އެއް ގްރޫޕަކީ ހަބޭސް ބޮޑުބެރު ގުރޫޕެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައާއި ރާއްޖޭން ބޭރުގައި ވެސް ފޯރީގައި ޝޯތައް ދީފައިވާ ހަބޭސް ފުޅާވެ، މިއަދު ވަނީ ބްރޭންޑަކަށް ވެފައެވެ. އެ ބޭންޑުގެ އިތުރު ކުރިތައް ފަޅައި އަންނަނީ ވަރުގަދައަށް ފޯދެމުންނެވެ.

އެގޮތުން ޓީވީއެމް އިން ގެނެސްދިން "ވޮއިސް އޮފް މޯލްޑިވްސް"ގެ ދެވަނަ ސީޒަން ކާމިޔާބު ކުރި ހަސަން ތޮލާގު (ތޮލާ)އާއެކު އުފެއްދި ހަބޭސް ޕޮޕްއަކީ ހަބޭސް އިން ފެޅި ކާމިޔާބު ކުރިއެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި "ލޯބި"ގެ ނަމުގައި ވީޑިއޯ ލަވައެއް ނެރެ، އެ ބޭންޑުން ވަނީ ދިވެހިންގެ ލޯބި ހޯދާފައެވެ.

ހަބޭސްގެ ތެރެއިން މިހާރު ހަލުވިކަމާއެކު ފޯދެމުންދާ އަނެއް ކުރިއަކީ މެޓަލް މިއުޒިކަށް ހާއްސަކޮށްގެން އުފެއްދި "ގްރެވިޓީ ބައި ހަބޭސް" އެވެ.

ސިިންގަޕޫރުގައި ކުރިއަށްދާ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯވގައި ގްރެވިޓީ ބައި ހަބޭސް އާއެކު ރިއްޓެ ހުށަހަޅައިދެނީ --- ފޮޓޯ/ ހަބޭސް އޮފިޝަލް ފޮޓޯގުރާފަރު: ޝައްމޫން

މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ ގަދަ 10އާ ހަމައަށް ދަތުރުކުރި މުހައްމަދު މުއައްޒިނާ އެކު އެ ބޭންޑުން ވަނީ ރާއްޖޭގައި ބޭއްވި ބޮޑެތި ޝޯތަކުގައި ހުށަހަޅައިދީ، ދިވެހީންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ "ގްރެވިޓީ" އުފެދުނު ފަހުން މާ ގިނަ ދުވަހެއް އަދި ނުވި ނަމަވެސް، އެ ބޭންޑުން މިވަނީ ރާއްޖޭން ބޭރުގައި ފުރަތަމަ ހުށަހެޅުން އިއްޔެ ހުށަހަޅައިދީފައެވެ.

ސިންގަޕޫރުގެ ސަންޓެކް ކޮންވެންޝަން ސެންޓަރުގައި މިދިޔަ ހުކުރު ދުވަހު ފެށި ޑައިވިން އެންޑް ރިސޯޓް ޓްރެވަލް އެކްސްޕޯ (ޑީއާރުޓީ ޝޯ)ގެ ތެރޭގައި ހައިރައިޒުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ސައުންޑްސް އޮފް މޯލްޑިވްސްގައި ގްރެވިޓީ އަށް ވަނީ ފުރުސަތު ލިބިފައެވެ. ތިން ދުވަހަށް ކުރިއަށްދާ އެ ފެއާގެ ކޮންމެ ދުވަހެއްގައި ވެސް ގްރެވިޓީ ހުށަހަޅައިދޭނެއެވެ.

ސިންގަޕޫރުގައި ހުރެ ސަން އަށް އިންޓަވިއު ދެމުން ގްރެވިޓީ ހަބޭސްގެ އިސްކޮށް ހަރަކާތްތެރިވާ އަދި ބޭންޑުގެ ލީޑް ގިޓަރިސްޓް، ޝަހީދު (ޝަހީދު ލެގަސީ) އިން ބުނީ، ސައުންޑްސް އޮފް މޯލްޑިވްސްގައި އެ ބޭންޑުން ކުޅެމުންދަނީ ދިވެހި ސޮފްޓް ލަވަތަކެއް ކަމަށާއި ތަނެއްގެ އެތެރޭގައި ބާއްވާ އެކްސްޕޯއަކާ ބަލާފައި ތަރުހީބު "ސަޅި" ކަމަށެވެ.

ސިިންގަޕޫރުގައި ކުރިއަށްދާ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯވގައި ގްރެވިޓީ ބައި ހަބޭސް އާއެކު ތޮލާ ހުށަހަޅައިދެނީ --- ފޮޓޯ/ ހަބޭސް އޮފިޝަލް ފޮޓޯގުރާފަރު: ޝައްމޫން

ރާއްޖޭން ބޭރުގައި ގިނަ ޝޯތަކެއް ދިނުމަށް ބޭނުންވެފައި އޮތް ގްރެވިޓީ އަށް ސައުންޑްސް އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު ފުރުސަތާ ގުޅޭގޮތުން ޝަހީދު ބުނީ، މިއީ ބޭންޑުގެ ކުރިއެރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށާއި ފުރުސަތާއެކު ރާއްޖޭން ބޭރަށް ބޭންޑް ހުޅުވިގެން ގޮސްފި ކަމަށެވެ.

އަދި މިއަހަރުގެ ތެރޭގައި ރާއްޖޭން ބޭރުގައި ގިނަ ޝޯތަކެއް ދިނުމަށް ރާވާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ބޭންޑުން ބޭނުންވަނި ބޮޑަށް ރާއްޖޭން ބޭރުގައި ގިނަ ޝޯތަކެއް ދިނުން. އެގޮތުން މިއަހަރުގެ ތެރޭގައި ނޭޕާލަށް ދިއުން އެބައޮތް. އަދި ވެސް އިތުރު ގައުމުތަކަށް ދިއުމަށް އޮތީ ރާވާފައި. ބައެއް ފުރުސަތުތަކަކީ ލިބުނު އޮފާތަކެއް އަނެއް ފުރުސަތުތަކަކީ ރީޗް ކޮށްގެން ހޯދާފައިވާ ފުރުސަތުތަކެއް،" ޝަހީދު ބުންޏެވެ.

ރާއްޖޭގެ ތަޖުރިބާކާރު އިވެންޓްސް މެނޭޖްމަންޓް ކުންފުނި، ހައިރައިޒުން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސައުންޑްސް އޮފް މޯލްޑިވްސްގެ މިއަހަރުގެ ޝޯވގައި ގްރެވިޓީ ބައި ހަބޭސްއާއެކު ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕް، ހަބޭސް ބޮޑުބެރު ގުރޫޕުގެ އިތުރުން ޑީޖޭ އައްޔަ އަދި ރިޝްވާން އިމޮން (ރިއްޓެ) ބައިވެރިވެއެވެ.

ސިިންގަޕޫރުގައި ކުރިއަށްދާ ސައުންޑްސް އޮފް މޯލްޑިވްސްގެ ޝޯވގައި ހަބޭސް ބޮޑުބެރު ގްރޫޕް ހުށަހަޅައިދެނީ --- ފޮޓޯ/ ހަބޭސް އޮފިޝަލް ފޮޓޯގުރާފަރު: ޝައްމޫން

comment ކޮމެންޓް