އެންމެ ކުޑަ ލީސިން ރޭޓާއެކު ބީއެމްއެލް އިސްލާމިކުން ގެދޮރު އިމާރާތްކުރަން ފުރަތަމަ ޕްރޮޑަކްޓް ނެރެފި

ބީއެމްއެލް އިސްލާމިކުން ކަސްޓަމަރުންތަކެއް ހިދުމަތް ހޯދަނީ: ބީއެމްއެލް އިސްލާމިކުން ގެދޮރު އިމާރާތްކުރަން ފުރަތަމަ ޕްރޮޑަކްޓް މިއަދު ވަނީ ތައާރަފްކޮށްފައި --- ފޮޓޯ/ ބީއެމްއެލް

ރާއްޖޭގެ އެންމެ ކުޑަ އެއް ލީސިން ރޭޓާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްލާމިކް ހޯމް ފައިނޭންސިންގެ ފުރަތަމަގެ ފުރަތަމަ ޕްރޮޑަކްޓް މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލް އިސްލާމިކް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިން ޕްރޮޑަކްޓް ތަޢާރަފްކޮށްފައި ވަނީ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބީއެމްއެލުން ބުނީ، ހައުސިން ފައިނޭންސް އަށް ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮތުމާއެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ދިރިއުޅޭ އާއިލާތަކާއި އަމިއްލަ ފަރުދުންނަށް ބީއެމްއެލް އިސްލާމިކްގައި ބައިވެރިވެގެން ގެދޮރު އިމާރާތްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އެގޮތުން، އިސްލާމިކް ފައިނޭންސަށް އެދޭ ފޯމު މިއަދުން ފެށިގެން މާލޭ ކަސްޓަމްސް ސަރަހައްދުގައި ހުންނަ ބީއެމްއެލް އިސްލާމިކް ހެޑްކުއާޓާޒްއިންނާއި އަތޮޅުތަކުގައި ހުރި ބޭންކް ބްރާންޗްތަކުން ބަލައިގަންނާނޭ ކަމަށް އެ ބޭންކުން މައުލޫމާތުދެ އެވެ.

"އަޅުގަނޑުމެންގެ ހޯމް ފައިނޭންސިން ޕްރޮޑަކްޓްތައް ދިވެހިންނާ ހަމަޔަށް ގެނެސްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިއަދުން ފެށިގެން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޝަރީއާ ކޮމްޕްލަޔަންޓް ހޯމް ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ،" ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ބީއެމްއެލް އިސްލާމިކް ޒުލްޤަރުނައިން ތަމާން ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކުން ގެދޮރު އިމާރާތްކުރަން ފުރަތަމަ ޕްރޮޑަކްޓް ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

އޭނާ ވިދާޅުވީ، ބީއެމްއެލް ހޯމް ފައިނޭންސަށް އާއްމުންނާއި ވަކިން ހާއްސަކޮށް ޝަރުއީ ހަމަތަކުގެ މަތިން ބޭންކިން ހިދުމަތްތައް ހޯދަން ބޭނުންވާ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"ކަސްޓަމަރުން ބޭނުންވާ ގޮތަށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އިމާރާތްކުރުމަށް ފައިނޭންސް ކޮށްދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" ޒުލްޤަރުނައިން ވިދާޅުވިއެވެ.

ބީއެމްއެލް އިސްލާމިކް ފަރުމާކުރެވިފައި ވަނީ އިސްލާމީކް ބޭންކިންއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތީންނެވެ.

އެގޮތުން، ކަސްޓަމަރުން ޑިޕޮސިޓް ކުރާ ފައިސާ ބަލަހައްޓަނީވެސް މުޅިން ވަކި ފަންޑެއްގެ ގޮތުގައެވެ. އަދި އެ ފައިސާ ބޭނުން ކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. ބީއެމްއެލް އިސްލާމިކް ހިންގަމުންދަނީ އިސްލާމިކް ފައިނޭންސްގެ ބައިނަލްއަގުވާމީ ތަޖުރިބާކާރުންނާއެކު އެކުލަވާލާފައިވާ ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

comment ކޮމެންޓް