ޔާމީން ގާނޫނާ ޚިލާފަށް ހައްޔަރުކުރި ކަމަށް އަމީން ފައިސަލް އިންކާރު ކުރައްވައިފި

އަމީން ފައިސަލް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގާނޫނާ ޚިލާފަށް ހައްޔަރު ކުރި ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އިންކާރު ކުރައްވައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި އަމީން ފައިސަލްގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ، އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނާ ފަދަ ޓެރަރިޒަމްގެ އަމަލެއް އޭނާ ހިންގާފައިނުވާ ކަމަށާއި އެ ދައުވާއަށް އިންކާރު ކުރާ ކަމަށެވެ.

ވަކީލު ވިދާޅުވީ، އެ މައްސަލައިގެ ލިޔުންތައް ލިބިފައިވަނީ މިއަދު ކަމަށާއި، ތަފްސީލުކޮށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ބޭނުންވާކަމަށެވެ. ގާޒީ ވަނީ ތަފްސީލުކޮށް ދައުވާއަށް ޖަވާބުދާރީ ވުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ.

މިއަދުގެ އަޑު އެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ދެން އޮންނަ އަޑު އެހުމުގައި ތަފްސީލީ ގޮތެއްގައި ދައުވާއަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އަދި އެއަށްފަހު ދެ ފަރާތުން ހެކި ހުށަހަޅަން ޖެހޭނެ ކަމަަށްވެސް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑު އެހުމުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެ 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ 1:45 ހާއިރު އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ހިމާޔަތްދޭނެ ކަމަށް ބުނެ، އެމަނިކުފާނުގެ ނުރުހުމުގައި އެމަނިކުފާނުގެ މިނިވަންކަން ގެއްލޭ ގޮތަށް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ޝަރީއަތުގެ އަޑުއެހުމަށްފަހު އަމީން ފައިސަލް ކޯޓުން ނުކުމެ ވަޑައިގަންނަވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ޖުލައި 23 ވަނަ ދުވަހާ ހަމައަށް ޔާމީނު އާރަށުގައި ހައްޔަރުކޮށްފައި ބަހައްޓާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

އަމީންގެ ވަކީލު ވިދާޅުވީ، އޭނާއަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށާއި، ރާއްޖެއިން ފަރުވާ ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދީފައިވާތީ އެ ހުއްދަ ދިނުމަށް ޝަރީއަތުގައި ވަކީލު އެދި ވަޑައިގަތެވެ. އަދި ޑޮކްޓަރުގެ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.

އެކަމާ ބެހޭ ގޮތުން ގާޒީ ވިދާޅުވީ، އިދާރީ ގޮތުން އެކަންތައް ބެލުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައިވެސް އަމީން ވަނީ ރާއްޖެެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގެންފަ އެވެ.

comment ކޮމެންޓް